ރާއްޖޭގެ މައި އިންޝޫރެންސް ކުންފުނި، އެލައިޑް އިންޝޫރެންސް ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 70 މިލިއަން ޑޮލަރުން، 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަ ކުރުމަށް ޓަކައި އެ ކުންފުނިން ރޭ ބޭއްވި ހަފްލާގައި ޕްރެޒެންޓޭޝަނެއް ދެއްވަމުން އަމީލް ވިދާޅުވީ މިދިޔަ ތިން އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ، އޭގެ ކުރީ ތިން އަހަރާ އަޅާ ބަލާ އިރު 69 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 26 ޕަސެންޓުން މިހާރު އަހަރަކު އެވްރެޖުކޮށް ގާތްގަނޑަކަށް 30 ޕަސެންޓަށް މަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުރެންސް ކުންފުނީގެ ކެޕޭސިޓީ އިތުރުވުމާ ގުޅިގެން އަމީލް ވިދާޅުވީ އިންޝޫރެންސް ކުންފުންޏަކަށް އެންމެ މުހިއްމު އެއްޗަކީ އެ ކުންފުންޏެއްގެ ކެޕޭސިޓީ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ވިޔަފާރި ކުރިއެރުމުގެ ސަބަބުން އަޅުގަނޑުމެންގެ ރިއިންޝުއަރެންސް ކުންފުނިތަކުން ދީފައިވާ ކެޕޭސިޓީ. އެނގިވަޑައިގަންނަވާނެ، އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ މުހިއްމު އެއްޗަކީ އެ ކުންފުންޏެއްގެ ކެޕޭސިޓީ،" އަމީލް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ވޭތުވެ ދިޔަ ތިން އަހަރުތެރޭ އެލައިޑުން ތައާރަފްކުރި ޚިދުމަތްތަކަށް އަމީލް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ބޮންޑް އިނޝުރެންސާއި، ހެލްތު އިންޝޫރެންސް ޕޮލިސީ، ސިލެކްޓް ގޯލްޑާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިންބައުންޑް ޓްރެވަލް އިންޝުރެންސުގެ އިތުރުން އެކުންފުނީގެ އިސްލާމިކް އިންޝުރެންސް ވިންޑޯ، އަޔާދީ ތަކާފުލްއަށް ލިބިފައިވާ ކުރިއެރުންތައް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް އެކުންފުނިން ރޭ ބޭއްވި ހަފްލާގައި ވަނީ ކޭކެއް ވެސް ފަޅައިފަ އެވެ. އެ ކޭކު ފަޅައިދެއްވީ އެލައިޑުގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލްގެ އިތުރުން، އެލައިޑުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރާއި ހަފްލާގެ ޝަރަފްވެރި މެހެމާނު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.