28 Nov 2016, 11:21
ރާއްޖޭގެ މައި އިންޝޫރެންސް ކުންފުނި، އެލައިޑް އިންޝޫރެންސް ކުންފުނިން އަންހެނުން ބާރުވެރިކުރުވުމަށް ޚާއްސަ އިންޝޫރެންސް ޕްލޭނެއް ތައާރަފްކޮށްފި އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނިން ރޭ ބޭއްވި ހަފްލާފައި މި ޕްލޭން ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
"ކަމަނަ" ނަމުގައި ތައާރަފްކުރި މި އިންޝޫރެންސް ޕްލޭނުގައި އުމުރުން 18 އަހަރާއި 48 އަހަރުގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދ އެ ޕްލޭނުގެ ދަށުން އެންމެ ކުޑަކޮށް އިންޝުއަކޮށްދޭ ވަރަކީ 50،000 ރުފިޔާ އެވެ.
އެލައިޑުގެ މި ޕޮލިސީގެ ދަށުން ލިބޭ ފައިދާތައް:
ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމާއި ގުނަވަނެއް ބަދަލު ކުރަން ޖެހުން ފަދަ ހާލަތްތެއް ދިމާވުން ފަދަ ހާލަތްތަކުގައި ވެސް ބަދަލު ނަގައިދިނުން
- ވަޒީފާ ގެއްލުން ނުވަތަ ބޮޑު ކަމެއް ދިމާވެގެން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގަން ޖެހުން ފަދަ ކުއްލި ހާލަތެއްގައި ބޭނުން ކުރުމަށް އިންޝުއާކުރާ މިންވަރުގެ ފަސް ޕަސެންޓަށްވާ ފައިސާ، ފުރަތަމަ ދެ އަހަރަށް ފަހު ކޮންމެ ދެ އަހަރަކުން ހާއްސަ ފަންޑަކަށް ލާނެ
- މި ޕްލޭން ނަގާ ފަރާތް މަރުވެއްޖެ ނަމަ، އިންޝުއަކުރި ޖުމްލަ އަގުގެ 150 ޕަސެންޓް ފައިސާ އޭނާގެ ވާރިސަށް ދޭނެ. މީގެ އިތުރުން، ބޯނަސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާ އާއި ކުއްލި ހާލަތުގެ ފަންޑުގައި ހުންނަ ފައިސާ ވެސް ލިބޭނެ.
މި ޕޮލިސީގެ އިތުރުން، ސެކަންޑަރީ ތައުލީމަށް ޚާއްސަ ޕްލޭނެއް ވެސް ރޭ ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕްލޭނުގެ ދަށުން ފަސް އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިންނަށް އެ ކުދިން އިންޝުއާ ކުރެވޭނެ އެވެ. އެޕްލޭނުގެ ދަށުން ޕްރިމިއަމް ދައްކަން ޖެހޭނީ އެ ކުއްޖާގެ އުމުރުން 13 އަހަރު ވަންދެނެވެ. ކުއްޖާގެ އުމުރުން 13 އަހަރުން ފެށިގެން 18 އަހަރު ވަންދެން ކޮންމެ އަހަރަކު އެކުއްޖާގެ ތައުލީމަށް ވަކި ވަރަކަށް އެލައިޑުން ފައިސާ ދޭނެ އެވެ.