އިންޑިއަން އެއާލައިންގެ ފްލައިޓަކުން އައިއިރު ދިރުވާލައިގެން 99 ބުލެޓްގެ ޑައިމޯފިން ރާއްޖެ އެތެރެކުރަން އުޅުނުކަން ސާބިތުވެ ސ. ފޭދޫ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އުމުރަށް ޖަލަށްލާފައި ވަނީ ސ. ފޭދޫ، އާގެ އަހުމަދު ވަހީދެވެ. ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާ ތަކުން އޭނާ މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވާކަމަށް ހުކުމުގައި ބުނެފައިވެ އެެވެ.

އަހުމަދު ވަހީދުގެ ހަށިގަނޑުން ފެނުނު ޑައިމޯފިންގައި 413 ގްރާމް ހުރިކަމަށް ތަހުލީލުތަކުން ދައްކާ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ. އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

އެއްމަސް ދުވަހުގެ ތެރޭގައި އެއްލައްކަ ރުފިޔާ ކްރިމިނަލް ކޯޓަށް ދައްކާ ހަލާސްކުރަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.