16 Jun 2011, 11:55
ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ވާދުއަށާއި އަނގޮޅިތީމަށް ވަޑައިގެން، އެ ދެ ރަށުގެ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ވާދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ލާމަރުކަޒީ އުސޫލުން، ކައުންސިލްތަކާ ހަވާލުކޮށްގެން ސަރުކާރުން ހިންގަމުން ގެންދާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ވާދޫގައި ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި، ރަށުގެ ތައުލީމީ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، ސްކޫލްގެ ހިންގުމާއި، ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް، ވާދޫ ރައްޔިތުންނާއި، ސްކޫލާ ގުޅިވަޑައިގެން ކައުންސިލުން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ވާދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި އަދި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭ ގޮތުން ރަށު ކައުންސިލާއެކު މަޝްވަރާ ބަދަލުކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ސްކޫލަށާއި ސިއްހީ މަރުކަޒަށް ޒިޔާރަތްކުރެއްވި އެވެ. އަދި އެ ރަށުގައި ދަނޑުވެރިކަން ކުރާ ސަރަހައްދާއި، ވާދޫ ކުނިކޮށި ބައްލަވާލެއްވި އެވެ.
ރައީސް އޮފީހުން އަދި ބުނީ އެ އަތޮޅު އަނގޮޅިތީމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި މިއަދު ހެނދުނު އެ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމާއި، ކައުންސިލުން ރަށުގެ ރައްޔިތުންނާއި ސްކޫލާ ގުޅިގެން އަނގޮޅިތީމު ސްކޫލްގެ ތައުލީމީ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމާ ބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ އަނގޮޅިތީމު ރަށު ކައުންސިލާ މަޝްވަރާ ކުރެއްވި އެވެ.
އަނގޮޅިތީމު ސްކޫލުން އިންތިޒާމްކުރި އުކާލެވޭ ތަކެތިން އުފެއްދޭ ތަފާތު ތަކެތި ދައްކާލުމުގެ މައުރަޒެއް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ ހުޅުއްވައިދެއްވައިފަ އެވެ. އަދި، އެ ސްކޫލްގެ ރިހިޔޫބީލްގެ ހަނދާނީ ބިނާ އެމަނިކުފާނު ރޭ އިފްތިތާހު ކޮށްދެއްވި އެވެ. އެއަށް ފަހު އަނގޮޅިތީމު ސިއްހީ މަރުކަޒަށް ވެސް އެމަނިކުފާނު ރޭ ޒިޔާރަތް ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.