ރާއްޖޭގެ ތާރީޚުގައިވެސް ވަޒީފާގެ ބާޒާރު މިއަށްވުރެ ތިޔާގިވި ޒަމާނެއް އަދި ނާންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެލައިޑް އިންޝޫރެންސް ކުންފުނިން އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ކަރެންސީތަކަށް ބަދަލު އަންނަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނެވި ގޮތެއްގައި ބިނާ ކުރުމަށް ރައީސް ޔާމީން ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ރާއްޖޭގެ އެކި ސިނާއަތްތަކަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށާއި، ރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކަށް އޮންނަ އިތުބާރު ވަރުގަދަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގަ މިއަށްވުރެ ވަކި ތިޔާގި ކަމެއް އައި އެހެން ޒަމާނެއް ނެތް. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިދިޔަ ތިން އަހަރު އައި ކުރިއެރުން އައި އެހެން ޒަމާނެއް ނެތް. ރާއްޖޭގެ ރީޓެއިލް ވިޔަފާރިއަށް ފުޅާ ވެގެން ގޮސް ނަފާ އިތުރުވި މިއަށްވުރެ ވަކި ތިން އަހަރެއް ނެތް. ރާއްޖޭގެ އުމްރާނީ ތަރައްގީ އުތުރުން ދެކުނަށް ދެމިގެން ގޮސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ސަރަހައްދެއް ނެތް،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތާރީޚު ނުދެކޭ ފަދަ ބޮޑެތި މަޝްރޫއުތައް ސަރުކާރުން ހިންގަމުންދާއިރު، އެފަދަ މަޝްރޫއުތައް ހިންގެނީ ބޭރުގެ ލޯނު އެހީގެ ޒަރިއްޔާއިން ކަމަށެވެ. އަދި އެފަދަ ލޯނު ލިބެނީ، އެ ފަރާތްތަކަށް ރާއްޖެއާމެދު އޮންނަ އިތުބާރު ބިނާވެފައި އޮތުމުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ގައުމުގެ ކުރިއެރުމަށް ޕްރައިވެޓް ސެކްޓާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހެއެވެ.

އެ ރަސްމިއްޔާތުގައި އެލައިޑުން ވަނީ ރާއްޖޭގެ އިންޝޫރެންސް މާކެޓަށް މުޅިން އާ ދެ އިންޝޫރެންސް ޕޮލިސީއެއް ތައާރަފްކޮށްފައެވެ. އެއީ އަންހުންނަށް ޚާއްސަކޮށްގެން ތައާރަފްކުރި "ކަމަނަ" އިންޝޫރެންސް ޕޮލިސީއާއި ީ އެކެވެ.

ައަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އެލައިޑުން ތައާރަފްކުރި "ކަމަނަ" އިންޝޫރެންސް ޕޮލިސީ ފަރުމާ ކޮށްފައިވަނީ ޚިދުމަތްތެރި އަންހެނުންނަށް އެންމެ ފައިދާކުރާނެ ގޮތް ބަލައިގެންނެވެ. އެގޮތުން އެ ޕްލޭނުގެ ދަށުން، ވަޒީފާ ގެއްލުމާއި ވަޒީފާއިން ވަކިވުމަށްފަހު މި އިންޝޫރެންސްގެ ބައިވެރިންނަށް ބަދަލު ނަގައިދެ އެވެ.

މީގެ އިތުރުން ސިއްހީ ބައެއް ހާލަތްތަކުގައިވެސް އަންހެނުންނަށް މި އިންޝޫރެންސް ޕޮލިސީ އެހީތެރިވެދެއެވެ. އެގޮތުން މި ޕްލޭންގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމާއި ގުނަވަނެއް ބަދަލު ކުރަން ޖެހުން ފަދަ ހާލަތްތެއް ދިމާވުން ފަދަ ހާލަތްތަކުގައި ވެސް ބަދަލު ނަގައިދެއެވެ.

މި ޕްލޭނުގެ ދަށުން ލިބޭ އަނެއް ފައިދާ އަކީ ޑަބަލް އެކްސިޑެންޓް ބެނިފިޓް އެވެ. އެ ބެނިފިޓްގެ ދަށުން ޕޮލިސީ ނަންގަވާ ފަރާތް ކުއްލި ގޮތަކަށް ނިޔާ ވެއްޖެ ނަމަ ނަގާފައިވާ ޕޮލިސީގެ ޖުމްލަ އަދަދު އެފަރާތުގެ އާއިލާއަށް ދެވޭނެއެވެ.