ރާއްޖޭގެ މަޝްހޫރު އިންޝޫރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝޫރެންސް ކޮމްޕެނީ އިން، ސެކަންޑަރީ ސްކޫލު ގްރޭޑުތަކުގެ ދަރިވަރުންނަށް ޚާއްސަ އިންޝޫރެންސް ޕްލޭނެއް ތައާރަފްކޮށްފިއެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން މިރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި މި ޕްލޭން ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

"އެލައިޑް ސެކަންޑަރީ ސްކޫލް އެކްސްޕެންސް"ގެ ނަމުގައި ތައާރަފްކުރި މި ޕްލޭން ނެގޭނީ ފަސް އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންގެ ބެލެނިވެރިންނަށެވެ. އަދި ޕްރިމިއަމް ދައްކަން ޖެހޭނީ އެކުއްޖާގެ އުމުރުން 13 އަހަރު ފުރެންދެނެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެލައިޑު އިންޝޫރަންސުން ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުއްޖާގެ އުމުރުން 13 އަހަރު ވުމުން، 18 އަހަރު ވަންދެން އެކުއްޖާގެ ކިޔެވުމުގެ ޚަރަދުތައް އިންޝޫރެންސް ކޮމްޕެނީން ބަލަހައްޓާނެ އެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ވަކި ވަރަކަށް ފައިސާ ލިބިގެންދާނެ އެވެ.

މި ޕޮލިސީ ނަންގަވާ ފަރާތުގެ ސަމް އެޝުއާޑެއް ކަނޑައަޅާނެ އެވެ. އެއީ ޕޮލިސީގެ ދަށުން ފައިދާގެ ގޮތުގައި ޖުމްލަ ބޭނުންވާ އަދަދު ކަނޑައެޅުމެވެ. އެ އަދަދު ކަނޑައަޅާނީ ޕްރިމިއަމްގެ ގޮތުގައި ޕޮލިސީ ނަންގަވާ ފަރާތުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި މިންވަރުގެ މައްޗަށް ބަލާފައެވެ.

އެލައިޑް އިންޝޫރެންސްގެ މި ޕޮލިސީ ނެންގެވޭނީ 21 އަހަރާއި 47 އަހަރާ ދެމެދުގެ ޒުވާން ބެލެނިވެރިންނަށެވެ. އަދި މި ޕޮލިސީގެ ދަށުން އެންމެ ކުޑަ ފައިދާއެއްގެ ގޮތުގައި ނެގޭނީ 50،000 ރުފިޔާއެވެ.

މި ޕޮލިސީއަށް ފައިސާ ދައްކައި ނިމުމުގެ ކުރިން ޕޮލިސީ ނެގި ފަރާތް ނިޔާވެއްޖެ ނަމަ، ބާކީ ނުދެއްކި ހުރި ޕްރިމިއަމް ދައްކައިދޭނީ އެލައިޑް އިންޝޫރެންސްގެ ފަރާތުންނެވެ. އަދި ޕްލޭންގެ ދަށުން ލިބިދޭ ފައިދާތައް އެކުއްޖަކަށް ލިބިގެންދާނެ އެވެ.