އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށް ދޫކުރާ ފުލެޓްތައް ލިބުނު ޑޮކްޓަރުންނާއި ނަރުހުންނަށް ރަސްމީކޮށް އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

އައިޖީއެމްއެޗްގައި އަލަށް ފެށި ފަސް ހިދުމަތެއް އިފްތިތާހުކުރުމަށް މިރޭ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އަށް ސުޕެޝަލިސްޓް ޑޮކްޓަރުންނަށާއި ދެ މެޑިކަލް އޮފިސަރުންނަށާއި 10 ނަރުހުންނަން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ހަވާލުކޮށްދެއްވާފައެވެ.

އެ ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރޭ ރަސްމީކޮށް ފްލެޓް ހަވާލުކުރި ޑޮކްޓަރުންނާއި ނަރުހުންނަކީ އެކަމަށް އެދި ހުށަހެޅުމަށް އައިޖީއެމްއެޗުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހޮވުނު ބޭފުޅުންނެވެ. އެބޭފުޅުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވަނީ މިމަހުގެ 20 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި އައިޖީއެމްއެޗްގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ ހޮސްޕިޓަލް ހިމެނޭއިރު، ޑޮކްޓަރުންނާއި ނަރުހުންނަށް ދޫކުރުމަށް އެ ގްރޫޕަށް ލިބިފައިވަނީ މާލެއިން 10 ފްލެޓާއި ހުލުމާލެއިން 10 ފްލެޓެވެ. ތިން ކޮޓަރި ހިމެނޭ އެ ފްލެޓްތަކަށް ހޮވުނު ބޭފުޅުންނަށް ފްލެޓް ދޫކުރާނީ ވިޔަފާރި އުސޫލުންނެވެ.

ހުޅުމާލެއިން ސަރުކާރުން ހަމަޖައްސައިދިން ފްލެޓްތަކުގެ ތަފްސީލް:


ފްލެޓްގެ ބޮޑުމިން: 838.5 އަކަފޫޓް (ތިން ކޮޓަރި)
ޑައުންޕޭމަންޓް ސެކިއުރިޓީ ޑިޕޮސިޓް: 19،000
މަހުން މަހަށް ދައްކަންޖެހޭ އަދަދު: 7350
ކުލިދައްކަންޖެހޭ މުއްދަތު: 25 އަހަރު


މާލެއިން ސަރުކާރުން ހަމަޖައްސައިދިން ފްލެޓްތަކުގެ ތަފްސީލް:

ފްލެޓްގެ ބޮޑުމިން: 768.65 އަކަފޫޓް (ތިން ކޮޓަރި)
ޑައުންޕޭމަންޓް ސެކިއުރިޓީ ޑިޕޮސިޓް: 400،000
މަހުން މަހަށް ދައްކަންޖެހޭ އަދަދު: 17865
ކުލިދައްކަންޖެހޭ މުއްދަތު: 20 އަހަރު

އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންނަށް ފްލެޓް ހަމަޖައްސައިދިނުމުގެ ގަވައިދެއް ވެސް އެކުލަވާލާފައިވާއިރު މިގަވައިދު ހިންގާ ތަންފީޒުކުރަނީ އައިޖީއެމްއެޗްގެ މެނޭޖުމަންޓުގެ ފަރާތުން ކަނޑައަޅާފައިވާ "އެމްޕްލޮއީ ހައުސިން އެޑްވައިޒަރީ ކޮމިޓީ"ގެ ފަރާތުންނެވެ.

ސަރުކާރުގެ ހައުސިން ސުކީމުގެ ބެނެފިޝަރީޒް ލިބޭ ފަރާތްތަކުގެ ތެރޭގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ސްޓާފުން ހިމެނުމަށް ރައީސް އަބްދުﷲ ނިންމަވައި އެކަން އިއުލާން ކުރެއްވީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.