16 Jun 2011, 11:49
ދިރާގުގެ ނެޓް ވޯކަށް ދިމާވި މައްސަލަ މުޅިން ހައްލުވެފައިވާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
އިއްޔެ ރޭ ފަތިހުން ފެށިގެން ދިރާގުގެ މޯބައިލް ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯނުން ގުޅުމާއި އެސްއެމްއެސް ފޮނުވުމާއި އަދި ރާއްޖެ އިން ބޭރުގެ ނަމްބަރުތަކަށް އިއްޔެގެ ބޮޑުބައެއްގައި ހިލޭ ގުޅޭ ގޮތް ވަނީ މެދުވެރިވެފައިވެ އެވެ.
އެ މައްސަލަތައް ހައްލުކޮށް ދިރާގުގެ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ލިބެމުން އަންނާނެ ކަމަށް ދިރާގުން މިއަދު ބުންޏެވެ.
"މިހާރު އެ މައްސަލަ ހައްލުކޮށް ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ލިބެމުން ދާނެ އެވެ. ދިރާގުގެ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި މި ކުންފުނިން ކަސްޓަމަރުންގެ ކިބައިން މާފަށް އެދެމެވެ،" ރޭ ދިރާގުން އާންމު ކުރި ނޫސްބަޔާނެއްގައިވެ އެވެ.
ދިރާގުގެ އޮފިޝަލަކު ވިދާޅުވީ ދިރާގުގެ މޯބައިލް ނެޓް ވޯކަށް ބޮޑެތި މައްސަލަތަކެއް ދިމާވީ މޯބައިލް ނެޓްވޯކުގެ އާލާތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.