27 Nov 2016, 23:19
ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އަލަށް ގާއިމްކުރި ޒަމާނީ އާ އައިސީޔޫއާއި އޮޕަރޭޝަން ތިއޭޓަރު ސިސްޓަމްގެ އިތުރުން އިތުރު ތިން ޚިދުމަތެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ.
ޒަމާނީ އާ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މިރޭ ރައީސް އިފްތިތާހްކޮށްދެއްވާފައިވަނީ ޓޯޓަލް ލެބޯޓަރީ އޮޓޯމޭޝަން ސިސްޓަމް (ޓީއެލްއޭ) އާއި ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު އަދި ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓެވެ.
އައިޖީއެމްއެޗުން މައުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލުގައި އަލަށް ގާއިމްކުރި އެ ހިދުމަތްތަކާ ސެންޓަރުތަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
ތިއޭޓަރު ކޮމްޕުލެކްސް
އައިޖީއެމްއެޗްގައި މިރޭ ރަސްމީކޮށް އިފްތިތާހްކުރި ހަތަރު ތިއޭޓަރަށް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ އޮޕަރޭޝަން ތިއޭޓަރު ކޮމްޕުލެކްސް އަކީ އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ތަރައްގީ ކޮށްފައިވާ ތަނެކެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި އެތަނުން މީގެ ކުރިން އެ ހޮސްޕިޓަލުން ހަދަމުންދިޔަ ބޮޑެތި ސާޖަރީތަކުގެ އިތުރުން ހޮސްޕިޓަލަށް މުޅިން އަލަށް ތައާރަފްކުރި ޔޫރޯލޮޖީއާ ގުޅުންހުރި ބޮޑެތި ސާޖަރީތައް ވެސް މިއަދުން ފެށިގެން ހެދޭނެ އެވެ.
އަޕްގްރޭޑްކޮށް މިރޭ ހުޅުވި ތިއޭޓަރު ކޮމްޕުލެކްސް ގާއިމްކުރުމަށް 10 މިލިއަން ރުފިޔާ އަދި ތިއޭޓަރަށް ބޭނުންވާ އާލާތްތަކާ މެޝިނަރީތަކަށް ސަރުކާރުން 19 މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އަޕްގުރޭޑެޑް އައިސީޔޫ
އައިޖީއެމްއެޗްގެ އައިސީޔޫގެ ޖާގައިގެ ދަތިތަކެއް ހުރުމުގެ ސަބަބުން މަރާމާތުކޮށް ޒަމާނީ ވަސީލަތްތަކާ ހިދުމަތްތަކާ އެކު މިރޭ ހުޅުވި އައިސީޔޫއަށް ވަނީ އިތުރު ހަތް އެނދެއް އިތުރުކޮށް ޖާގައިގެ ގޮތުން ތަނަވަސް ތަަނެއްގެ ގޮތުގައި ހަދާފައެވެ.
އެގޮތުން އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ތަރައްގީ ކޮށްފައިވާ އެތަނުގެ އެނދުގެ އަދަދު 15 އެނދަށް އިތުރުކޮށް އޭގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ ދެ އެނދެއް ކަނޑައަޅާފައިވެއެވެ.
އޭގެ އިތުރުން ކޮންމެ އެނދަކަށް ވެސް ހާއްސަ ކެބިންއެއް ހަމަޖައްސާފައިވާއިރު ކޮންމެ އެނދެއްގައި އޮންނަ މީހަކަށް ވެސް ޑައިލިސިސް ހަދަންޖެހިއްޖެނަމަ އިތުރު ތަނަކަށް ނުގެންގޮސް ހެދޭނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓް
ނޭވާލުމުގެ މައްސަލަ ޖެހޭ މީހުންގެ އަދަދު އިތުރުވެ އެފަދަ މީހުންނަށް ދޭންޖެހޭ ކްރިޓިކަލް ފަރުވާ ދިނުމަށް ތަރައްގީކޮށް މިރޭ އިފްތިތާހްކުރި ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓަކީ އައިޖީއެމްއެޗްގައި މުޅިން އަލަށް ދޭން ފެށި ހިދުމަތެކެވެ.
ޖުމްލަ ފަސް އެނދެއް ހިމެނޭ އެ ޔުނިޓު ކުރިން ކުރިން ގާއިމްކުރަން ހަމަޖެހިފައި އޮތީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގައި ގާއިމްކުރާ ޑައިގްނޯސްޓިކް ސެންޓަރުގައެވެ.
އައިޖީއެމްއެޗުން ބުނީ، ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓްގައި ގާއިމްކުރި ފަސް އެނދާއެކު އެ ހޮސްޕިޓަލުގައި ކްރިޓިކަލް ކެއާ ދޭ އެނދުގެ އަދަދު 60 އިތުރު ވާނޭ ކަމަށެވެ.
ނޭޝަނަލް ޔޫރޯރީނަލް އެންޓް ފާޓިލިޓީ ސެންޓަރު
އުފަންވަނިވި ސިއްހަތާއި ކިޑްނީ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާދޭ މި ސެންޓަރަކީ އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެން އެ ހޮސްޕިޓަލުގައި ގާއިމްކުރި ސެންޓަރެކެވެ.
އެންޔޫ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސުޕަރ ޝްޕެޝަލިސްޓުން ވެސް ފަރުވާދޭ އެ ސެންޓަރުން ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދިނުމަށް ވެސް ކުރިއަށްދަނީ ރާވަމުންނެވެ.
އެގޮތުން ކުރިން ވެސް އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދަވާ ސުޕަރ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ޝިހާމްގެ އިތުރުން އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ޑޮކްޓަރުން މަސައްކަތްކުރައްވާނެ އެވެ.
މީގެ އިތުރުން، އެ ސެންޓަރު އިތުރަށް ތަރައްގީ ކޮށް އެތަނުގައި ކިޑްނީގައި އުފެދޭ ހިލަ ގޮއްވުމާއި ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަން ކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ސެންޓަރު ގާއިމްކުރުމަށް 10 މިލިއަން ރުފިޔާ އަދި މެޝަނަރީއަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ޓޯޓަލް ލެބޯޓަރީ އޮޓޯމޭޝަން ސިސްޓަމް (ޓީއެލްއޭ)
ޓީއެލްއޭ ސިސްޓަމަކީ ވެސް އައިޖީއެމްއެޗްގައި އަލަށް ގާއިމްކުރެވޭ ހިދުމަތެކެވެ. އެ ސިސްޓަމްގެ ސަބަބުން އައިޖީއެމްއެޗްގައި މިހާރު ހަދަމުންދާ ޓެސްޓުތަކުގެ އިތުރުން ލެބޯޓަރީން ހަދާ އިތުރު ޓެސްޓުތަކާ ބައެއް ޓެސްޓުތަކުގެ ނަތީޖާ ދެ ގަޑިއިރުގެ ތެރޭގައި ދެވިގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
އެތަން ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އަދި ތަނުގެ މެޝަނަރީތަކަށް 31 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.