ދުނިޔޭގެ މަޝްހޫރު ފެޝަން މޮޑެލް އަދި އެކްޓްރެސް ކާރާ ޑެލެވީން އަކީ އޭނާގެ މަޝްހޫރު ކަމުން އެތައް ފައިދާތަކެއް ލިބެމުންދާ ސެލެބްރިޓީއެކެވެ. ގިނަ އެއްޗެހި އޭނާއަށް ލިބެނީ ވެސް ހިލެއެވެ. ނަމަވެސް ކާރާ އަދި އޭނާގެ ދެ ދައްތަ، ކުލޯއީ އަދި ޕޮޕީ ޑެލެވީން އަށާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރި ސެލެބްރިޓީންނަށް ރާއްޖޭގެ ރިސޯޓެއް ހަފްތާއަކަށް ހިލޭ ދިން ވާހަކަތަކެއް މީޑިއާއަށް މިވަނީ ފެންމަތިވެފައެވެ.

ކާރާ، 24 އަށް ހަފްތާއަކަށް ދީފައިވަނީ ބ. އަތޮޅުގައި އޮންނަ ފިނޮޅު ނަމަކަށް ކިޔާ ރިސޯޓެކެވެ. އޭނާ އެ ރިސޯޓަށް އައުމުގެ ދައުވަތު ދީފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެމީހުންނަށް ރިސޯޓް އެއްކޮށް ދީފައިވަނީ އާ އަހަރު ފާހަގަކުރުމަށް އަންނަ ޑިސެމްބަރު މަހުގެ ފަހު ހަފްތާއަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާތްގަނޑަކަށް 270 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ އައިސް އުޅެވޭ ފިނޮޅު ރިސޯޓުގައި 136 ވިލާ އާއި ސިނަމާއަކާ ފަސް ސްޕާގެ އިތުރުން ހެއާ ސެލޫން އަކާއި ފަސް ރެސްޓޯރެންޓާއި ފޮޓޯގުރަފީ ސްޓޫޑިއޯއެއް ހިމެނެ އެވެ. މިއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ކާރާއަށް ކަމުދާނެ ކަހަލަ ތަނެކެވެ.

ކާރާ ޑެލެވީން ޗުއްޓީ ހޭދަކޮށްލުމަށް ހަފްތާއަކަށް ހިލޭ ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ ފިނޮޅު ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ފިނޮޅު

މި ހުރިހާ ހިދުމަތަކާއެކު އެތަނުގެ އެންމެ އަގުހެޔޮ ކޮޓަރިއެއް ވެސް ލިބެނީ މީހަކަށް ރެއަކަށް 750 އެމެރިކާ ޑޮލަރަށެވެ. އެއީ އަދި އެއްވެސް ޓެކުހެއް ނުލައެވެ. އެތަނުގެ އެންމެ އަގުބޮޑު ކޮޓަރިއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 1200 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ. ހުރިހާ ޓެކުހެއް ލުމުން އަގު 1540 އަށްވުރެ މައްޗަށް އަރައެވެ.

ކާރާއަށް ރާއްޖޭގެ ރިސޯޓެއް ހަފްތާއަކަށް ހިލޭ ދީފައިވާއިރު، ރިސޯޓްގައި ފަސް ފެންސީ ޑްރެސް ޕާޓީއެއް ބާއްވާނެކަމަށް ކާރާ ވަނީ މީގެ ކުރިން ޓްވީޓާގައި ހާމަކޮށްފައެވެ. ނަމަވެސް އެ ޓްވީޓުގައި އޭނާ ބުނެފައިވަނީ އެ ޕާޓީތައް ބާއްވާނީ ޓްރޮޕިކަލް އައިލެންޑެއްގައި ކަމަށެވެ. ނަމަވެސް އެ ސިއްރު މިއޮތީ ފަޅާއަރާފައެވެ.

އެ ޕާޓީތައް ބާއްވަނީ ހަމައެކަނި ކާރާއާ އޭނާގެ ދައްތަ މެންނަކަށް އެކަންޏެއް ނޫނެވެ. ޕާޓީތަކަށް އޭނާގެ އެންމެ ގާތް 160 ސެލެބްރިޓީ ރައްޓެހީންނަށް ވަނީ ދައުވަތު ފޮނުވާފައެވެ.

އޭގެ ތެރޭގައި ޕޮޕް ސްޓާރުންގެ ތެރޭގައި ހިމެނޭ ރިހާނާ އަދި ޓޭލާ ސްވިފްޓުގެ އިތުރުން ބްރިޓިޝް އެމެރިކަން އެކްޓްރެސް ސިއެނާ މިލާ ޕާޓީގައި ބައިވެރިވުމަށް ރާއްޖެ އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކާރާއަށް ރާއްޖޭގެ ރިސޯޓެއްގައި ހަފްތާއެއް ވަންދެން ހުރުމުގެ ފުރުސަތު ފިނޮޅު ރިސޯޓުން ދީފައިވާއިރު އޭނާ ވަނީ އެ ރިސޯޓުގައި ހުރެ އެތައް ސެލްފީއެއް ނަގާނެ ކަމަށް ވައުދުވެފައެވެ. މިއީ 35 މިލިއަން އިންސްޓަގުރަމް ފޮލޯވަރުންނެއް ފޮލޯކުރާ ކާރާގެ ސަބަބުން އެ ރިސޯޓަށް ލިބޭނެ ބޮޑު އިސްތިހާރެކެވެ. އޭގެ އިތުރުން މެގަޒިންތަކުން ވެސް އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށްވެއެވެ. (ޑެއިލީމެއިލް)