އެމްޑަބްލިއުއެސްސީ އަކީ މުޅިން ދިވެހިންގެ ހިއްސާ އޮންނަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އަލުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ގައުމީ ފެން ކުންފުންޏަކީ އެންމެ ކުރީއްސުރެއް ވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް، ކުންފުންޏެކެވެ. ނަމަވެސް ސަރުކާރަކަށް ކުންފުންޏެއް ނުހިންގޭނެ ކަމަށް ބުނެ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓް ހިއްސާ ހިޓާޗީ ޕްލާންޓް ޓެކްނޮލޮޖީސް އަށް ވިއްކާލިއެވެ.

އެމްޑަބްލިއުއެސްސީގެ ހިއްސާ 16.3 މިލިއަން ޑޮލަރަށް ހިޓާޗީއަށް ވިއްކާލީ ހިއްސާއެއް 305.9 ޑޮލަރުގެ ރޭޓުން (ޖުމްލަ 209.4 މިލިއަން ރުފިޔާ) އަށެވެ.

ނޮވެމްބަރ 27، 2016: އެމްޑަބްލިއުއެސްސީގެ ފަރާތުން ހަބޭސް 3 ފާހަގަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއްސާ ވިއްކާލުމަށްފަހު އޭރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ހުރި އަލީ ހާޝިމް ވިދާޅުވީ، އެ ސަރުކާރުގެ ސިޔާސަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ތަޖުރިބާ ހުރި ރަނގަޅު ފަރާތްތަކާ ހަވާލުކޮށްގެން ހިންގުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މިއަދު ފެން ބިލްޑިންގައި ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ ކުރިން އެމްޑަބްލިއުއެސްސީ ހިންގަމުން އައީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.

ނޮވެމްބަރ 27، 2016: އެމްޑަބްލިއުއެސްސީގެ ފަރާތުން ހަބޭސް 3 ފާހަގަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ފަހުން އެ ކުންފުނީގެ މިސްރާބު ބަދަލުކޮށް ބޭރު ކުންފުންޏަކަށް ހިއްސާ ވިއްކާލި ނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ އެމްޑަބްލިއުއެސްސީ އަލުން އަނބުރާ ސަތޭކަ ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.

"ފެން އުފައްދައި ފެނުގެ ހިދުމަތް ދިނުމަކީ ރާއްޖޭގައި މިހުރި ޓެކްނޮލޮޖީގައި ރާއްޖޭގެ ކުންފުނިތަކަށް ނުކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން ހަބޭސް 3 ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ޔޫތު ސިޓީގެ ޕްރޮޖެކްޓަކީ މި ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މާލޭގައި ވެސް ފުރިހަމައަށް ފެނާ ނަރުދަމާގެ ހިދުމަތް ދެމުން އަންނަ އެމްޑަބްލިއުއެސްސީ އަކީ ހުޅުމާލޭގައި ވެސް ފެނާގެ ނަރުދަމާގެ ހިދުމަތްދޭން އެންމެ އެކަށީގެންވާ ކުންފުނި ކަމަށެވެ. އަދި އެކަން އެމްޑަބްލިއުއެސްސީއަށް ހާސިލްކުރެވޭނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އެކަނި ވެސް 735 މިލިއަން ރުފިޔާއަށްވުރެ މަތީގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާ ކުރުމަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ނޮވެމްބަރ 27، 2016: އެމްޑަބްލިއުއެސްސީގެ ފަރާތުން ހަބޭސް 3 ފާހަގަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ