ރާއްޖޭގައި ޒަކާތް ދިނުމާއި، ބެހުމުގެ ކަންތައް އިތުރަށް ހަރަދުނާކުރުމަށް މެލޭޝިއާގެ ފެޑަރަލް ޓެރިޓަރީ އިސްލާމިކް ކައުންސިލްގެ ޒަކާތް ކަލެކްޝަން ސެންޓަރާއެކު ރާއްޖޭގެ ޒަކާތު ކޮމެޓީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ފެޑަރަލް ޓެރަޓަރީގެ ޒަކާތާ ބެހޭ އިދާރާއާއެކު އެ މިނިސްޓްރީން ބޭއްވެވި ބައްދަލުވުމުގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގައި ދެ ގައުމުގައި އަމަލުކުރަމުންދާ ގޮތާބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާ ޒަކާތު ބިލާ ބެހޭ ގޮތުން ވެސް ވަނީ މިއަދު މަޝްވަރާ ކޮށްފައެވެ. އެގޮތުން ޒަކާތުގެ ގާނޫނެއް އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް މެލޭޝިއާގެ ޒަކާތާބެހޭ ކައުންސިލްގެ ބޭފުޅުން މައުލޫމާތު ދެއްވާފައިވެއެވެ.

ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، އެ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހެމުގައި އަމަލުކުރެވޭ އުސޫލްތައް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ޒަކާތް ނަގަމުން އަންނަނީ މީރާގެ ފަރާތުންނެވެ. ހެންކަމުން މެލޭޝިއާގެ ޒަކާތާބެހޭ ކައުންސިލުން ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުގައި މީރާއިން ޒަކާތް ނެގުމާއި ބެހުމުގައި އަމަލުކުރާ އުސޫލްތަކާ ގުޅޭ ގޮތުން މީރާގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ އެވެ.