މަސްތުވާތަކެތީގެ މައްސަލަ އެއްގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ފިލައިގެން ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ، އަބުދުﷲ ޝަރީފް 34، ހައްޔަރު ކުރީ ފުވައްމުލަކުގައި އޭނާ ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރީ ތެރޭ ވިޔަފާރި ކުރުމަށް މަސްތުވާތަކެތި ސެލޯފިނަށް ލައި ބަންދު ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ފުވައްމުލަކަށް ގޮސްފައި ވަނީ ހައްޔަރު ކުރުމުގެ ދެ ދުވަސް ކުރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ޝަރީފު އަތުލައިގަތް އިރު މަސްތުވާތަކެތީގެ ވިޔަފާރިއަށް އޭނާ ބަންދުކޮށްފައިވާ ހަތް ސެލޯފިން ކޮޅު ފެނިފައި ވެއެވެ. އަދި ފުލުހުންނަށް އޭނާ ފެނުމާއެކު މަސްތުވާތަކެތި އަަޅައިގެން އޭނާ ގެންގުޅުނު ބޮޑު ޕެކެޓެއް ދިރުވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ ފަހުން ޝަރީފު ހޮސްޕިޓަލަށް ގެންގޮސް ދިރުވާލި ޕެކެޓް ބޭރުކޮށްފައިވާ ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޝަރީފަކީ ބޭސް ފަރުވާ އަށް މާލެ ގެނެސްފައި ހުއްޓައި ފިލައިގެން އުޅޭ މީހެކެވެ.