ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ވައުދުވެ އެ ވައުދު ފުއްދަވާ ރައީސެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް ޔާމީނަކީ ރައްޔިތުންގެ ރައީސެއް ކަމަށާއި، އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސަކީ ވައުދު ވިދާޅުވެ ވައުދު ފުއްދަވާ ރައީސް. އަދި ކުރިއަށް އޮތްތާނގައިވެސް ރައީސް ހުންނަވާނީ އެގޮތަށް. ރައްޔިތުންނަށް ހިދުމަތް ކުރުމުގަ. ރައީސަަކީ ރައްޔިތުންގެ ރައީސް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ ހަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މަޝްރޫއުތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މިނިސްޓަރުގެ ފަހަތްޕުޅުގައި ތިއްބެވުމަށް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ކިބައިން ނައިބު ރައީސް އެދި ވަޑައިގެންނެވި އެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއަދު ފިނޭންސް މިނިސްޓްރީގައި، އެ މިނިސްޓްރީން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ނައިބު ރައީސްގެ އިތުރުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމްގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އޭގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް އެ ހަފްލާގައި ބައިވެރިވެ ވެޑައިގެންނެވި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ހަފްލާގައި ބޮޑުބެރު ހަރަކާތުގެ އިތުރުން ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭގައި ފިނޭންސް މިނިސްޓްރީން ހާސިލް ކޮށްފައިވާ ކަންތައްތައް ލިޔެފައިވާ ކަޕްކޭކް ބަހައްޓާފައި ހުއްޓެވެ. ކޮންމެ މިނިސްޓަރަކުވެސް ވަނީ އެ މިނިސްޓަރަކު ނަގާ ކަޕް ކޭކުގައި ލިޔެފައިވާ ލިޔުންކޮޅު ބާރަށް ވިދާޅުވެފައެވެ.