27 Nov 2016, 19:47
ހދ. އަތޮޅު ކައުންސިލުންދޭ ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު ދެފަރާތަކަށް ދީފި އެވެ.
ހދ. އަތޮޅު ކައުންސިލުންދޭ ތިލަދެކުނު ޝަރަފުވެރިމުގެ އިނާމު ހާސިލް ކޮށްފައިވަނީ ކުޅުދުއްފުށީ ފެހިގޭ ޙުސައިން މުހައްމަދާއި، އެރަށު ފަންނު، މުހައްމަދު އަލީ އެވެ. ހުސެއިން މުހައްމަދު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކޮށްފައިވަނީ އައު އުފެއްދުންތެރިކަމުގެ ދާއިރާއިންނެވެ. އަދި މުހައްމަދު އަލީ އިނާމު ހާސިލްކޮށްފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ.
އެ އިނާމު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ޝަރަފުވެރިކަމުގެ އިނާމުގެ އިތުރުން ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމުވެސް އެ ރަސްމިއްޔާތުގައި ދީފައިވެ އެވެ. އެ އިނާމު ވަނީ ތިން ފަރާތަކުން ހާސިލް ކޮށްފައެވެ. އެގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ކުޅުދުއްފުށީ، އެލްފޯސާ ރާޝިދާ މޫސާ ހާސިލް ކޮށްފައިވާއިރު، ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން އެ އިނާމު ހާސިލްކޮށްފައިވަނީ މަކުނުދޫ ނުޖޫމްގޭ އަޙުމަދު ވާފިރެވެ. އަދި އޭގެ އިތުރުން އެ އިނާމު ހާސިލްކޮށްފައިވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ކުޅުދުއްފުށީ އޮންލައިން އެވެ.
ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ ހިންގުންތެރި ކައުންސިލު ފާހަގަކޮށް ވަނީ އިނާމު ދީފައެވެ. އެގޮތުން އެންމެ ހިންގުންތެރި ކައުންސިލްގެ އިނާމު ހާސިލްކޮށްފައިވަނީ ވައިކަރަދޫއާއި ނޭކުރެންދޫ ކައުންސިލުންނެވެ.
އޭގެ އިތުރުން ތަޢުލީމީ ގޮތުން އަތޮޅަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށާއި، މިދިޔަ އަހަރު ބޭއްވި އިމްތިހާނުތަކުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު އެ އަތޮޅުގެ ދަރިވަރުންނަށާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުން ކޮންމެ ސްކޫލަކުންވެސް އެންމެ މޮޅު ދަރިވަރަށް ވަނީ އިނާމު ދީފައެވެ.

ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އައިވެލް ޕޯޓްރެއިޓް
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އަތޮޅުގެ ރައްޔިތުންގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކުރާ އެފަދަ ކަންކަމަކީ އަތޮޅުގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަން އިތުރަށް ފުޅާކޮށްފިނަމަ އޭގެ ސަބަބުން އަތޮޅަށް ކުރާ ފައިދާ ބޮޑުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.