27 Nov 2016, 16:43
ބިދޭސީންނަށް މުސާރަ ދިނުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އެމީހުންގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ނުފެންނަ ކަމަށާއި، އޭގެ ބަދަލުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން މާ މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓު، ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ފަށާފައިވާ އިރު، އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ކޮންމެ ބިދޭސީއެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުވައި، އޭނާއަށް މުސާރަ ދިނުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ ބޭންކަށް ޖަމާކުރާ ގޮތަށެވެ.
ބިދޭސީ ހުރިހާ މަސައްކަތްތެރީންގެ ނަމުގައި ބޭންކުގައި އެކައުންޓު ހުޅުވުމަށް ސަރުކާރުން ވިޔަފާރިވެރިންނަށް ދީފައިވަނީ ތިން މަސް ދުވަހެވެ. އަދި އެ މުއްދަތުގެ ކުރިން އެކަން ނުކުރާ ފަރާތްތަކަށް ސަރުކާރުން ދޭ ބައެއް ޚިދުމަތްތައް ވެސް ހުއްޓަލުމުގެ ބާރު، ގާނޫނުގެ ދަށުން ސަރުކާރަށް ލިބެއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި، އަހަރެއްގެ ތެރޭގައި ބިދޭސީން ރާއްޖެއިން ބޭރަށް 400 މިލިޔަން ޑޮލަރަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ފޮނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތަކީ މިކަން، ސިސްޓަމެއްގެ ތެރެއަށް ލުން. ފޯމަލް ސެކްޓާއެއްގެ ތެރެއިން ރެގިއުލޭޓް ކުރުން. އެކައުންޓް ހުޅުވަނީ ރެމިޓަންސް ޓެކްސް ނަގާތީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެކައުންޓް ހުޅުވުމަށް ދީފައިވާ މުއްދަތާ ގުޅިގެން ދަތިތަކެއް ހުރި ނަމަވެސް، ގާނޫނަށް އިސްލާހު ގެނެސްގެން މުއްދަތު އިތުރުކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި، ވިޔަފާރިތަކާއި ބޭންކްތަކާއި ސެންޓްރަލް ބޭންކާ އެކު ވާހަކަ ދައްކައިގެން، އެންމެ ލުއިފަސޭހަ އިންތިޒާމުތަކެއް ހޯދުން މާ މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގައި ގާނޫނަށް އިސްލާހެއް ގެނައުން، އަޅުގަނޑަކަށް ހިއެއް ނުވޭ އެއީހެނެއް ސޮލިއުޝަނަކީ. މިކަން ބޭންކުތަކާ ވިޔަފާރިތަކާ އެކު، އެންމެ ލުއިފަސޭހަ ގޮތަކަށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަންނޭނގެ އެންމެ މުހިންމު ކަމަކީ،"
ސައީދު ވިދާޅުވީ، ފުޅާކޮށް ވިސްނައިފި ނަމަ މިކަމުންވެސް ފައިދާ ކުރާނީ ވިޔަފާރިތަކަށް ކަމަށެވެ. ސަބަބަކީ، މިކަމުގެ ސަބަބުން ދެފަރާތުގެ ވެސް ހައްގުތައް ރައްކާތެރިވާވުން ކަމަށް ސައީދު ވިދާޅުވިއެވެ.
"ފާހަގަކުރި ދަތިތަކާ އެކުވެސް ކުރިއެރުންތަކެއް އެބަ ލިބޭ. މީގައި ވިޔަފާރިތަކާއި ބޭންކުތަކާ އެކު އަޅުގަނޑުމެން ކުރާ މަސައްކަތުގައި މިހާރުވެސް ކުރިއެރުންތަކެއް ލިބިއްޖެ. ހުރި ދަތިތައް، އަބަދުވެސް މިނިސްޓްރީން އަޑު އަހާނެ. ވިޔަފާރިއާ ބެހޭ މިނިސްޓްރީ މިއީ. ވިޔަފާރިތަކާ ވަރަށް ގާތުން މަސައްކަތް ކުރާނީ. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ވިޔަފާރިވެރިންނަށް ދަތި ކުރާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.