އޮޑިޓާ ޖެނަރަލް އާއި އެންޓި ކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނެރުނު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން 15 މިލިއަނެއްހާ ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިވާ ކަމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޓާނީ ޖެނަރަލް އަނިލް ވިދާޅުވީ ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ހޯދާފައި ވަނީ ކަމާގުޅޭ ފަރާތްތަކުގެ މައްޗަށް މަދަނީ ދައުވާކޮށްގެން ކަމަށެވެ.

"...ދައުލަތަށް ލިބެންޖެހޭ މަދަނީ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. ގިނަ އަދަދެއްގެ މައްސަލަ މިހާރު ހުށަހެޅި އަޅުގަނޑު ހަނދާންވާ ގޮތުން 15 މިލިއަން ނުވަތަ 16 މިލިއަން ރުފިޔާގެ ރިކަވަރީއެއް އަނބުރާ ހޯދިއްޖެ،" މިނިސްޓަރު އަނިލް ވިދާޅުވި އެވެ.

ދައުލަތަށް އަނބުރާ ހޯދުނު 15 މިލިއަން ރުފިޔާއަކީ ކޮން މައްސަލައަކާ ގުޅިގެން އަނބުރާ ހޯދި ފައިސާއެއް ކަމެއް އަނިލް ވިދާޅެއް ނުވެ އެވެ.

އަނިލް ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް 26 މައްސަލައެއް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު އިންތިޒާރެއް ސަރުކާރުން ކުރަމުން ދަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން އޭސީސީން ތަހުގީގު ކުރާ ރިޕޯޓަށް ކަމަށެވެ.