27 Nov 2016, 15:56
ހިއުމަން ޓްރެފިކިންގްގެ މައްސަލަތަކުގައި، މިއަހަރު ފަސް މީހެއްގެ މައްޗަށް ދައުވާކޮށް، އެކަކުގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހިއުމަން ޓްރެފިކިންގްގެ މައްސަލައަކީ ވަރަށް ކޮމްޕްލެކްސް މައްސަލައެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަން ހިނގާފަދައިން ރާއްޖޭގައި ވެސް އެކަން ހިނގާ ކަމަށެވެ.
"ބައިނަލްއަގުވާމީ ޓްރާންސެކްޝަންތަކުގައި ރާއްޖެވެސް އިންޓަގްރޭޓް ވެގެން، ގްލޯބަލައިޒްޑް ދުނިޔެއެއްގައިމި އުޅެނީ. މި މައްސަލަ ރާއްޖޭގައި ނޫޅެއެއް ނުދާނެ. އެހެންވެގެން މިކަމާ ބެހޭ ގާނޫނެއް އައީވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ކޮމްޕްލެކްސް އިޝޫއެއް މިއީ. ރާއްޖެ ވެސް މިވަނީ ވަރަށް ވޮޑަށް ގްލޯބަލް ވިލެޖުގައި, ބައިނަލްއަގުވާމީ ޓްރާންސެކްޝަންތަކުގައި ރާއްޖެވެސް އިންޓަގްރޭޓުވެގެން، ގްލޯބަލައިޒްޑް ދުނިޔެއެއްގައިމި އުޅެނީ. މި މައްސަލަ ރާއްޖޭގައި ނޫޅެއެއް ނުދާނެ. އެހެންވެގެން ގާނޫނެއް އައީވެސް. ތަންކޮޅެއް ބޮޑަށް އެންފޯސްމެންޓެއްގެ ތެރެއިން ހުއްޓުވަން މި އުޅޭނީ،"
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިންގް ގާނޫނު ވުޖޫދަށް އައި ފަހުން، ފުލުހުންނަށް ހުށަހަޅަމުން އަންނަ ހިއުމަން ޓްރެފިކިންގް މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ހިއުމަން ޓްރެފިކިންގްގެ މައްސަލަތައް ތަހުގީގުކުރެވެނީ އެކަމުގައި ވިކްޓިމައިޒްވާ ފަރާތުގެ ރުހުމާ އެކުގައިކަން ފާހަގަ ކުރައްވަމުން، ޝަތީހު ވިދާޅުވީ ވިކްޓިމްގެ އެއްބާރުލުން ނުލިބިގެން ގިނަ މައްސަލަތަކެއް ކުރިޔަށް ނުގެންދެވި ވެސް ހުންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ހިއުމަން ޓްރެފިކިންގްގެ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ހިއުމަން ޓްރެފިކިންގްގެ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ދެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މިހިނގާ 2016 ވަނަ އަހަރު އަށް މައްސަލައެއް ހުށަހަޅާފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ، މިއަހަރު ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަދި މއިަހަރު ތެރޭގައި އެކަކުގެ މައްޗަށް ހުކުމް އިއްވާފައި ވެސް ވާ ކަމަށެވެ.
"ފަސް މީހެއްގެ މައްޗަށް މިހާރުވެސް ދައުވާ ކުރެވިފައި ވަނީ. ދިވެހީން ޝާމިލުވާ ކޭސެސްތައް ވެސް އެބަހުރި. ހެއްކާ ގަރީނާ ލިބޭ މިންވަރަކުން ދައުވާ ކުރަމުން މިދަނީ،"
އެހެން ނަމަވެސް، މި މައްސަލަތައް ބެލުމަށް ގޮންޖެހުންތައް ގިނަވަން ހިޝާމްވެސް ފާހަގަ ކުރެއްވިއެވެ.
"ގާނޫނު ބުނާ ގޮތުގައި ވިކްޓިމްސް އިންވެސްޓިގޭޝަނަށް ދޭ ސްޓޭޓުމެންޓަކީ ހެއްކެއް. ވިކްޓިމްސް ބޭނުންވޭ އެނބުރި ގައުމަށް ދާން އަވަހަށް. ދިއުމަށްޓަކައި ލީގަލް ޕްރޮސީޖާސް ސްކިޕް ކޮށްފައި ދާން ބޭނުންވާތީ ޕްރޮސެކިއުޝާން ފަރާތުން އެވިޑެންސެއް ނުލިބޭ މި ކޭސްތަކުގައި،" އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ހިޝާމް ވިދާޅުވީ މިއަހަރު އެ ދާއިރާގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ފުލުހުންނާ ގުޅިގެން ތަހުގީގުތަކުގައި ބައިވެރިވެ، ތަހުގީގު ނިމޭހާ އަވަހަކަށް ދައުވާކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.