27 Nov 2016, 15:22
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރޭ ކާނިވަލުގައި ބާއްވާ ޖަލްސާއަކީ ޕީޕީއެމުން ބާއްވާ ޖަލްސާއެއް ނޫން ކަމަށާއި އެ ޖަލްސާއަކީ ސަރުކާރުން ބާއްވާ ޖަލްސާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މޫސާ ޒަމީރު އެހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅިގެން ރައީސް އޮފީހުގައި މިއަދު މީޑިއާއަށް މައުލުމާތު ދެއްވަމުންނެވެ.
މިސާލަކަށް އެސްޓީއޯ، ނުވަތަ އެއާޕޯޓްސް ކޮމްޕެނީ މި ތަންތަނުގެ މުވައްޒަފުން ބައިވެރިވާނެ. އެ މީހުންގެ ކާމިޔާބީ އެ ތާނގަ ހާމަ ކުރެވެމުންދާއިރު ދޭންޖެހޭ ރިސޯސެސް އެ މީހުން ދީ ހަދާނެ،މިނިސްޓަރު މޫސާ ޒަމީރު
ޒަމީރު ވިދާޅުވީ ޕީޕީއެމުން އެންމެފަހުން މާލޭގައި ބޭއްވި ޖަލްސާއަށް މީހުން ހާޒިރުވި އަދަދަށް ވުރެ މިފަހަރު ގިނަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ޖަލްސާއަކީ ސަރުކާރުން ބާއްވާ ޖަލްސާއަކަށްވާތީ އެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކުން މި އިވެންޓް ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް ނުކުރަން. އެހެންވިޔަސް މިހާރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި 12،000 ވުރެ ގިނަ މީހުންނަށް އެކަމަޑޭޓް ކުރެވޭނެ ގޮތެއް ބަލަން ރާވާފައި އެހެރީ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ އިވެންޓެއް ނޫން ވީމަ އެއަށް ވުރެ އިތުރު ވެސް ވެދާނެ،"
މިނިސްޓަރު ޒަމީރު ވިދާޅުވީ ސިވިލް ސާވަންޓުންނަކީ ރައީސް ޔާމީންގެ އެޖެންޑާ ތަންފީޒު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ މީހުން ކަމަށާއި ސަރުކާރަށް ލިބޭ ކާމިޔާބީގެ އުފާފާޅު ކުރުމުގައި ސިވިލް ސާވަންޓުން ބައިވެރިވާނެ ކަމަށެވެ.
"ހަގީގަތުގައި ރައީސް ޔާމީންގެ އެޖެންޑާ ޑެލިވާ ކުރުމުގައި އެންމެ ބޮޑު ކީ ރޯލެއް އަދާކޮށްފައިވާ ބަޔަކީ ސިވިލް ސާވަންޓުން. އެހެންވީމަ ސިވިލް ސާވަންޓުން މިކަން ފާހަގަކޮށް، ޑެލިވާކޮށްފައިވާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވީތީ ޝުކުރު ދަންނަވަން،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއަށް ދިއުމަށް ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ގެންދާ ކަމަށް ބުނަމުންދާތީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ މުވައްޒަފުގެ މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރާ ޖަލްސާއަށް ސަރުކާރުގެ މުވައްޒަފުން ދާނެ ކަމަށެވެ.
"މިސާލަކަށް އެސްޓީއޯ، ނުވަތަ އެއާޕޯޓްސް ކޮމްޕެނީ މި ތަންތަނުން މުވައްޒަފުން ބައިވެރިވާނެ. އެ މީހުންގެ ކާމިޔާބީ އެ ތާނގަ ހާމަ ކުރެވެމުންދާއިރު ދޭންޖެހޭ ރިސޯސެސް އެ މީހުން ދީ ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގައި ގަދަކަމުން މަސައްކަތް ކުރުވާ އުސޫލެއް ރާއްޖޭގައި އޮންނަ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ވަޒީފާއެއްގެ ގޮތުން ކުރަންޖެހޭ ކަމެއް އެ މީހަކު ކުރާނެ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ އެއްވެސް މީހަކު ލައްވާ ގަދަކަމުން ކަމެއް ކުރެވިދާނެ ކަމަކަށް،"