އައްޑޫ ހުޅުދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އާރުއާރު މޯލްޑިވްސް އާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އާރުއާރު ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަަރު ޠާރިގު އިބްރާހީމެވެ. އަދި އާރުއާރު ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަންޖިތް ސެންދެރާ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 180 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 22.6 މިލިއަން ރުފިޔާއަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެއް ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ ތޮއްޓެއް ގާއިމު ކުރާނެ އެވެ. އެ ތޮށި ލުމަށް ހަމަޖެހިފައި ވަނީ ީސ. ހުޅުދޫގެ ދެކުނު ފަރާތުގައި 2008ގައި ޖަހާފައިވާ 450 މީޓަރުގެ ތޮއްޓާއި ގުޅޭ ގޮތަށް އުތުރަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި ކުރީގައި ޖަހާފައިވާ ތޮށި މަރާމާތު ކުރާނެ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.

އައްޑޫ ހުޅުދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އާރުއާރު މޯލްޑިވްސް އާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 12 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން މިހާރު ވެސް ހަ ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ހުޅުދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އާރުއާރު މޯލްޑިވްސް އާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެ ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ހުޅުދޫގެ އިތުރުން މީދޫގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އަދި އޭގެ އިތުރުން ހުޅުދޫ މީދޫގެ ނަރުދަމާގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އުއްމީދު ކުރަައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.