27 Nov 2016, 11:48
ކިއުބާގެ ކުރީގެ ރައީސް ފިޑެލް އަލެހަންދްރޯ ކާސްޓްރޯ ރުޒަކީ ޒަމާނީ ކިއުބާގެ ބާނީ ކަމަށާއި، އެމަނިކުފާނަކީ ކިއުބާގެ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވި ވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ ކާސްޓްރޯ އިއްޔެ އަވަހާރަވުމާ ގުޅިގެން، ކިއުބާގެ މިހާރުގެ ރައީސް ރައުލް މޮޑެސްޓޯ ކާސްޓްރޯ ރުޒަށް ފޮނުވި ތަޢުޒިޔާގެ މެސެޖުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކިއުބާގެ ކުރީގެ ރައީސް އަދި ރައީސް ރައުލް މޮޑެސްޓޯ ކާސްޓްރޯ ރުޒްގެ ބޭބޭފުޅު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ކިއުބާގެ ކުރީގެ ރައީސް ފިޑެލް އަލެހަންދްރޯ ކާސްޓްރޯ ރުޒަކީ ޒަމާނީ ކިއުބާގެ ބާނީ ކަމަށް ރައީސް ޔާމީންގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ އެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކިއުބާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ.
ކިބާގައި 50 އަހަރު ވެރިކަން ކުރެއްވި ކާސްޓްރޯ ވެރިކަމަށް ދުރަށް ޖެހިވަޑައިގެންނެވި 2008 ވަނަ އަހަރު އެވެ. އިންގިލާބަކުން ވެރިކަމަށް ވަޑައިގެންނެވި ކާސްޓްރޯއަކީ އެމެރިކާގެ ޒަމާންވީ ދުޝްމަނެކެވެ. އޭނާ އަވަހާރަކޮށްލުމަށް އެމެރިކާގެ ޖާސޫސުން ރޭވި ރޭވުންތަކުން ކާސްޓްރޯ ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ އަވަހާރަކޮށްލުމަށް 600 އަށް ވުރެ ގިނަ ފަހަރު މަސައްކަތްކޮށް، ނާކާމިޔާބުވެފައިވެ އެވެ.
ކޮމިއުނިސްޓް ގައުމެއް ކަމަށްވާ ކިއުބާއަށް ކާސްޓްރޯގެ ވެރިކަމުގައި ތައުލީމާއި ސިއްހީ ދާއިރާއަށް ބޮޑެތި އިންގިލާބުތަކެއް ގެނެސްފައިވެ އެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި ސަރުކާރާ ދެކޮޅު ހަރަކާތައް ހުއްޓުވައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އަސްކަރީ ބާރުގެ ބޭނުން ކުރެއްވި އެވެ.