27 Nov 2016, 10:47
ލ. ފޮނަދޫގައި ހިންގާ މޯބައިލް ފިހާރައެއްގައި ރޭ ފަތިހު ރޯވެ އަނދައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 4:21 އެހާކަންހާއިރު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ފޮނަދޫ ކުރިގަމު އަވަށުގައި ކުރި ފިހާރައެއްގައި ރޭ ފަތިހު އަލިފާން ރޯވުމުން، ފުލުހުންނާއި ސިފައިންނާއި އާންމުންގެ މަސައްކަތުން އަލިފާން ނިންވާލާފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލާފައި ވަނީ ގަޑިއެއްހާއިރުގެ މަސައްކަތުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ.
"އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނުހޯދޭ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.