27 Nov 2016, 10:53
ކުއާލަލަންޕޫރު (ނޮވެމްބަރު 27) : ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުންނާއި އެގައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާ ވަރަށް ބޮޑަށް ކުށްވެރިކޮށް މިޔަންމާގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މެލޭޝިޔާއިން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.
މެލޭޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ނަސްލު ސާފުކުރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާއި އެކަމާގުޅިގެން މިޔަންމާ ސަރުކާރާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމަޢުން ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭނެ ކަމުގައެވެ. އަދި މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވަކާލާތު ކުރާނެކަމަށްވެސް މެލޭޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މެލޭޝިޔާގެ ޕާލަމެންޓްގެ ގިނައަދަދެއްގެ މެންބަރުންނާއި އެގައުމުގެ ބައެއް ސިޔާސީ ޕާޓީތަކުންވެސް ގެންދަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުންނާއި އެގައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި އދ. އާއި ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މެލޭޝިޔާގެ އިސްލާމީ ޕާޓީން ގެންދަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި މެލޭޝިޔާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރުމަށް ތައްޔާރުވަމުންނެވެ.
މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާ ދެމެދު ފާއިތުވި ތިން ހަފްތާގައި ހިނގި ކުރިމަތިލުންތަކުގައި ބުޑިސްޓުންވަނީ ރޮހިންޔާ ދަރިކޮޅުގެ އެތަށް ސަތޭކަ ބަޔަކު މަރާލައި އެތަށް ސަތޭކަ ބަޔަކު ޒަޚަމްކޮށްލައި ރޮހިންޔާއިންގެ އެތަށް ސަތޭކަ ގެއެއްގައި އަލިފާންރޯކޮށް އަންދާލާފައެވެ. ބުޑިސްޓުން މިޖަރީމާ ހިންގި ސަރަހައްދަށް ބޭރުގެ އެއްވެސް ބަޔަކު ޒިޔާރަތް ކުރުން މިޔަންމާގެ ސަރުކާރުންވަނީ މަނާކޮށްފައެވެ.
ރޮހިންޔާ މުސްލިމުންނަކީ މިޔަންމާއިން އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަންނަ ބައެއްނޫނެވެ. މިޔަންމާ ސަރުކާރުންވަނީ ރައްޔިތުކަމުގެ ހައްގުން އެމީހުން މަހްރޫމްކޮށް ރޮހިންޔާ މުސްލިމުންނަކީ މާކުރީ ޒަމާނެއްގައި ބަންގްލަދޭޝުން އެގައުމަށް ހިޖްރަކުރި ބަންގްލަދޭޝްގެ ބައެއްކަމަށް ސިފަކޮށްފައެވެ.
އަނެއްކޮޅުން ބަންގްލަދޭޝުން ވެސް ރޮހިންޔާ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުން ކަމަކަށް ގަބޫލެއް ނުކުރެއެވެ. އަދި ބަންގްލަދޭޝަށް ހިޖްރަކުރާ ރޮހިންޔާ މުސްލިނުންނަށް ބަންގްލަދޭޝުން ވެސް ގެންދަނީ ވަރަށް ދެރަކޮށް އިހާނާތްތެރި ގޮތަކަށް އަމަލުކުރަމުންނެވެ.
އެހެންކަމުން ރޮހިންޔާ މުސްލިމުން ވެފައިވަނީ ބިމެއް އަދި ގައުމެއް އަދި ޒިންމާވާނެ ދައުލަތެއް އަދި ސަރުކާރެއްވެސް ނެތް ސްޓޭޓްލެސް ބައެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އެމީހުންވަނީ އިންސާނަކަށް ލިބިގެންވާ އެންމެހައި އަސާސީ ހައްގުތަކުންވެސް މަހްރޫމް ވެފައެވެ.
މިޔަންމާ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ގޮތުގައި ރޮހިންޔާއިން ބަލައިގަތުމަށް އެގައުމަށް މަޖްބޫރު ކުރުވުމުގައި އދ. އާއި ބައިނަލްއަގްވާމި މުޖްތަމައުވަނީ ނާކާމިޔާބުވެފައެވެ. އަދި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ އިންސާނީ މި ގިލަންވެރިކަމުން އެމީހުން ސަލާމަތް ކޮށްދިނުމުގައި އިސްލާމީ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީ ވެސް ވަނީ ނާކާމިޔާބުވެފައެވެ. މިޔަންމާގެ ސިފައިން އިންސާނިއްޔަތާ ޚިލާފު މިޖަރީމާތައް ހިންގަމުންގެންދަނީ އެގައުމުގެ ޑިމޮކްރެޓިކް ލީޑަރު ކަމަށް ހުޅަނގުން ސިފަކުރާ އަންގްސަންގް ސޫޗީގެ ބޮޑު ހިއްސާއެއް އޮންނަ ސަރުކާރުންނެވެ.
ސޫޗީ އަކީ މިޔަންމާގެ ޚާރިޖީ ވަޒީރެވެ. އަދި އެގައުމުގެ ސްޓޭޓް ކައުންސެލަރެވެ. ސްޓޭޓް ކައުންސެލަރަކީ ސިޔާސީ ގޮތުން ބޮޑުވަޒީރާ ދާދި އެއްވަރުގެ ބާރުތަކެއް ލިބިދޭ މަގާމެކެވެ. (ނޫސްއެޖެންސީތައް)