27 Nov 2016, 11:55
ވޮޝިންޓަން (ނޮވެމްބަރު 27): އެމެރިކާގެ ބައެއް ސްޓޭޓުގެ ވޯޓުތައް އަލުން ގުނުމުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންގެ ކެމްޕެއިނުން ބައިވެރިވާނެ ކަމަށް ޕާޓީގެ ވަކީލަކު ބުނެފި އެވެ.
ވިސްކޮންސިން، މިޝިގަން އަދި ޕެންސިލްވޭނިއާގެ ވޯޓުތައް ގުނުމުގައި މައްސަލައެއް އުޅުނު ކަމަށް ބުނެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައި ވަނީ ގްރީން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޖިލް ސްޓެއިން އެވެ. އޭނާ ވަނީ ތިން ސްޓޭޓުގެ ވޯޓުތައް އަލުން ގުނުމަށް ބޭނުންވާ ހަތް މިލިއަން ޑޮލަރުގެ ތެރެއިން 5.8 މިލިއަން ޑޮލަރު އާއްމުންގެ އެހީގައި އެއްކޮށްފަ ކަމަށް ސްޓެއިންގެ ވެބްސައިޓުން ދައްކަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ވާނީ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާ އެތިން ސްޓޭޓުގެ ވެސް ނަތީޖާ ބަދަލުވެއްޖެ ނަމަ އެވެ.
ކްލިންޓަން ކެމްޕެއިނުން ވޯޓު އަލުން ގުނުމުގައި ބައިވެރިވި ނަމަވެސް އެޓީމުން ކުރިއަށް ގެންދިޔަ ތަހުގީގުން ވޯޓިން ސިސްޓަމްތައް ހެކް ކުރި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް ެކެމްޕެއިނުން ބުނެފައިވެ އެވެ. ނަމަވެސް ވޯޓު އަލުން ގުނުމުގައި ބައިވެރި ވަނީ ވޯޓު ގުނުމުގައި ހަމަހަމަކަން އޮތް ކަން ޔަގީން ކުރުމަށް ކަމަށް ކްލިންޓަން ކެމްޕެއިނުން ބުނެ އެވެ.
ވަރަށް ކުޑަ ތަފާތަކުން ވިސްކޮންސިން ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވަނީ ވޯޓުތައް އަލުން ގުނުމަކީ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯޓުތައް އަލުން ގުނުމަށް ކަމަށް ބުނެ ސްޓެއިން ފައިސާ ހޯދަނީ އަމިއްލަ ބޭނުމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އިންތިހާބުގެ ނަތީޖާއަށް ގޮން ޖެހުމުގެ ބަދަލުގައި އެއަށް އިހުތިރާމު ކުރަންވީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. (ބީބީސީ)