ވޮޝިންޓަން (ނޮވެމްބަރު 27): އިއްޔެ އަވަހާރަވި ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަކީ އަނިޔާވެރި ޑިކްޓޭޓަރެއް ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމުގެ ހުވާ ކުރައްވާނެ ޓްރަމްޕް ވަނީ ކިއުބާގެ ރައްޔިތުންނަށް މިނިވަން މުސްތަގުބަލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ކިއުބާގެ ވެރިކަން ކުރާ ހުރިހާ ބާރުތައް އަދިވެސް އޮތީ ސަރުކާރުގެ އަތުގައި ނަމަވެސް، އަޅުގަނޑުގެ އުއްމީދަކީ މިއަދު ވެގެންދާނީ ކިއުބާގެ ރައްޔިތުން ދިގު މުއްދަތަކަށް ތަހައްމަލް ކޮށްފައިވާ ބިރުވެރި ކަމުން ދުރަށް ޖެހި، އެމީހުންނަށް ހައްގު މިނިވަން ދިރިއުޅުމެއް އުޅެން މިސްރާބު ޖަހާ ދުވަސް ކަމަށް،" ޓްރަމްޕްގެ ބަޔާނުގައިވެ އެވެ.

ފިނި ހަނގުރާމައިގެ ތެރޭގައި 1961 ވަނަ އަހަރު އެމެރިކާ އިން ކިއުބާއާ ގުޅުން ކަނޑާލައި، ކިއުބާއާ ދެކޮޅަށް އިގުތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅި އެވެ. ދެގައުމުގެ މެދުގައި އަނެއްކާވެސް ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރީ މިދިޔަ އަހަރު ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ ކިއުބާއާ ބެހޭ ގޮތުން އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ކިއުބާއާ އެކު ގާއިމުކޮށްފައިވާ ގުޅުންތައް ނިމުމަަކަށް ގެންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ނުވެ އެވެ.

ކިއުބާއަށް އިންގިލާބެއް ގެނެސް، 1959 ވަނަ އަހަރު ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސްކަން ކުރެއްވި ކާސްޓްރޯއަކީ 20 ވަނަ ގަރުނުގައި އެންމެ ދިގު މުއްދަތަކަށް ގައުމެއްގެ ވެރިކަން ކުރެއްވި ލީޑަރެވެ. ސިއްހީ ހާލަތު ހުރި ގޮތުން ކާސްޓްރޯގެ ބާރުތައް ކޮއްކޯފުޅު، ރައުލް ކާސްޓްރޯއާ ހަވާލު ކުރެއްވީ 2006 ވަނަ އަހަރެވެ.

ރޭގެ ވަގުތެއްގައި ކާސްޓްރޯގެ ހަށިކޮޅު އަންދަން ހަމަޖައްސާފައި އޮތް ކަމަށް ކިއުބާގެ މީޑިއާތަކުން ވަނީ އިއްޔެ ބުނެފަ އެވެ. އަދި އެ ގައުމުގައި ވަނީ ޑިސެމްބަރު ހަތަރެކާ ހަމައަށް ހިތާމަފާޅު ކުރުމުގެ ދުވަސްތައް އިއުލާންކޮށްފަ އެވެ. (ބީބީސީ)