ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކު ބަނދެގެން އެކި ފަހަރު މަތިން ޖިންސީ ހާނީއްކަ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 41 އަހަރުގެ މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ޝަރީޢަތަށް ފޮނުވައިފި އެވެ.

ފުވައްމުލަކު ކޯޓުން ބުނީ އެ މައްސަލަ ޕީޖީ އޮފީހުން އެ ކޯޓަށް ފޮނުވާފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށެވެ. ކޯޓަށް ފޮނުވި ނަމަވެސް މައްސަލައިގެ ޝަރީއަތް އަދި ނުފަށާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިމަކުގެ ތުހުމަތުގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހު ފުލުހުން ހައްޔަރު ކުރި މީހަކީ ފުވައްމުލަކު ވައިގޭ މުހައްމަދު މުހުތާރެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި ކަމުގެ ތުހުމަތުގައި މުހުތާރުގެ މައްޗަށް ދައުވާކުރަން ފޮނުވި އިރު އެ މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި އޭނާގެ ތިން ދަރިންގެ ތެރެއިން އެކަކު ހަ މަހަށް ޖަލަށް ލުމަށް އަދި އަނެއް ދެ މީހުން ޖޫރިމަނާ ކުރަން މީގެ ދެ ހަފުތާ ކުރިން ފުވައްމުލަކު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެގެން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރީ މުހުތާރުގެ ދަރިންގެ ތެރެއިން އުމުރުން 20 އަހަރުގެ އަހުމަދު މުސްލިމެވެ. އެ ޝަރީއަތުގައި 12،00ރ. އިން ޖޫރިމަނާ ކުރީ މުސްލިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް މުފްލިހް 18، އާއި 18 އަހަރު ނުފުރޭ އޭނާގެ ކޮއްކޮ އެވެ.

މުސްލިމާއި މުފްލިހަކީ ތަފާތު ކުށްކުށުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ ދެބައިންނެވެ. އޭގެ ތެރެއިން އެކަކު ފުވައްމުލަކު ދެމަފިރިއަކު ސައިކަލެއްގައި ދަނިކޮށް އަންހެން މީހާ ހިފަހައްޓައި ރޭޕްކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރު ކުރި އެވެ.