27 Nov 2016, 09:24
ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ އަދި އެކްޓަރު އަރްޖުން ކަޕޫރުގެ ގާތް ގުޅުމުގެ ވާހަކަ އަކީ މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކަ އެވެ. ދެމީހުންނާ ގުޅުވައިގެން ތަފާތު ވާހަކަތައް ދެކެވެމުން އަންނަ އިރު، ދެމީހުންގެ ދެމެދު ލޯބީގެ ސިއްރު ގުޅުމެއް ވާކަމަށް ވެސް ޚަބަރުތައް އަންނަނީ ބުނަމުންނެވެ.
މީގެ ދުވަސް ކޮޅެއް ކުރިން، މަލައިކާގެ އެޕާޓްމަންޓުން އަރްޖުން ނުކުމެގެން ދަނިކޮށް ވަނީ ފެނިފަ އެވެ. އެއާއެކު އެ ވާހަކަތައް އިތުރަށް ގަދަވި އެވެ.
ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް އަރްޖުން ވަނީ ޝައްކު ކުރެވޭ ކަހަލަ ކެޕްޝަން އަކާ އެކު ފޮޓޯ އެއް ވެސް އިންސްޓަގްރާމް ކޮށްފަ އެވެ. ފޮޓޯ އާއެކު ލިޔެފައި ވަނީ ހުރިހާ ހަލަބޮލިކަމަކާ ދުރަށް ފިލައިގެން ދާން ބޭނުންވާ ކަމަށެވެ.
އެންމެ ފަހުން މަލައިކާ މިވަނީ ހުރިހާ ވާހަކަތަކަށް ރައްދު ދީފަ އެވެ. މަލައިކާ ވަނީ އަރްޖުން އާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް އިންކާރު ކޮށްފަ އެވެ.
"އަރްޖުން އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އެ ގުޅުމަށް އެހެން މާނަ އެއް ދެނީ އެހެން މީހުން. އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މަލައިކާ ބުނެފައިވެ އެވެ.
އަރްޖުން އާއި މަލައިކާ އާ ދެމީހުންނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައި މިވަނީ މަލައިކާ އާއި ފިރިމީހާ އަރްބާޒް ޚާން ވަރިވުމަށް ކޯޓަށް ގޮސްފައި ވަނިކޮށެވެ.
ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ނުކުރެވުމުގެ ސަބަބުން ދެމީހުންގެ 18 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާކަން ހާމަކޮށް ދެމީހުން ވަކިވެފައި ވަނީ މާޗް މަހު އެވެ.
އެއަށްފަހު ދެމީހުން ވަނީ ވަރި ނުވާން ނިންމައި ކައިވެންޏަށް އިތުރު ފުރުސަތެއް ދީފަ އެވެ. ދެމީހުން ވަނީ އެކުގައި ވަގުތު ހޭދަކޮށް، ކައިވެނި ދެމެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. ފަހަކަށް އައިސް ދެމީހުން އެކުގައި ވެސް ވަރަށް ގިނައިން ވަނީ ފެނިފައެވެ.
ނަމަވެސް ޚަބަރުތައް ބުނާ ގޮތުން ދެމީހުން މިހާރު ވަނީ ވަރިވާން ނިންމައި ވަރީގެ ކަންކަން ނިންމުމަށް ކޯޓަށް ގޮސްފަ އެވެ.
ދެމީހުންގެ ކައިވެންޏަށް ގިނަ އަހަރުތަކެއް ވީއިރު، ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.