27 Nov 2016, 09:25
މިޔުޒިކީ ލެޖެންޑު މުކޭޝްގެ ކާފަ ދަރިފުޅު އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު ނީލް ނިތިން މުކޭޝް އާއި ރުކްމިނީ ސަހާއޭގެ ކައިވެނި އަންނަ ފެބުރުއަރީ މަހު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ނީލް އާއި ރުކުމިނީ އެންގޭގެ ވެފައި ވަނީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ރުކްމިނީ އަކީ ނީލް އަށް އެންމެ އެކަށީގެންވާ އަދި ނީލް އާ އެންމެ ގުޅޭ ބައިވެރިޔާ ކަމަށް ބުނެ ދެމީހުންގެ ކައިވެނީގެ ކަންކަން ނިންމާފައި ވަނީ ދެފަރާތުގެ އާއިލާ އިންނެވެެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ނީލް ވަނީ ފެބްރުއަރީ މަހު ކައިވެނި ކުރުމަށް ނިންމާފައިވާ ކަން ޔަގީން ކޮށްދީފަ އެވެ. ނީލް ބުނީ މާ ބޮޑު ހަފްލާ އެއް ބާއްވަން ބޭނުން ނުވާ ކަމަށާއި، އާއިލާ އާއި ގާތް އެކުވެރިންނާ އެކު ކުޑަ ހަފްލާ އެއް ބާއްވަން އޭނާ ބޭނުންވާ ކަމަށެވެ.
"އެކަމަކު ދެ ފަރާތުގެ އާއިލާ އިން ވެސް ބޭނުންވަނީ ވަރަށް ބޮޑު ހަފްލާއެއް ބާއްވަން. އެހެންވީމަ ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ،" ނީލް ބުންޏެވެ.
ފެބްރުއަރީ ގައި ކައިވެނި ކުރަން ނިންމާފައި ވީނަމަވެސް، ކައިވެނި ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅައިފަ އެއް ނުވެ އެވެ.