27 Nov 2016, 01:34
ފުރަތަމަ ހާފްގައި ޓޮޓެންހަމް ހޮޓްސްޕާއިން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން އެޓީމު ބަލިކޮށް ޗެލްސީ އަލުން އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޕްރިމިއަރ ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ޗެލްސީ، ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ، މިއިން ކޮންމެ ޓީމެއްވެސް 13 މެޗު ކުޅެފައި ވާއިރު، ޗެލްސީ އެއްވަނައިގައި އޮތީ 31 ޕޮއިންޓާއެކު އެވެ. ލިވަޕޫލާއި ސިޓީއަށް 30 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލް ދެވަނައިގައި އޮތީ ފައިދާ އެއް ލަނޑުގެ ތަފާތުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ސެޕްޓެމްބަރު 24 ގައި އާސެނަލް އަތުން 3-0 ލަނޑުން ބަލި މެޗަށް ފަހު، ލީގު ތާވަލުގެ 10 ވަނައަށް ޗެލްސީ ވެއްޓުނެވެ. އޭރު ތާވަލުގެ އެއްވަނައި ގައި އޮތް މެންޗެސްޓާ ސިޓީ ވަނީ ޗެލްސީގެ މައްޗަށް އަށް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެހެން ނަމަވެސް ކޮންޓޭ ވަނީ އޭގެ ފަހުން އޭނާގެ ޓީމުގެ ފޯމޭޝަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެންސް ޗެލްސީގެ ފެންވަރު އިދިކޮޅު ޓީމުތަކަށް ދައްކަން ފަށައިފައެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޓޮޓެންހަމްއިންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނިޓްގައި އެޓީމުގެ ކްރިސްޓިއަން އެރިކްސަން ވަނީ ޗެލްސީގެ ޑިފެންސްލައިން ފޫއަޅުވާލައި، ލީގު ހަމެޗަށް ފަހު ތިބައުޓް ކޯޓުއާ ބަލަހައްޓަމުން ގެންދިޔަ ގޯލަށް ފުރަތަމަ ފަހަރަށް ބޯޅައެއް ވައްދާލައިފައެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ޑެލެ އަލީ، އެރިކްސަންއަށް ޖައްސާލި ބޯޅަ އޭނާ ވަނީ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެ ވަރަށް ރީތިކޮށް ޗެލްސީ ގޯލްގެ ވާތްވަރާތުން ތިރީ ކަނަށް ފޮނުވާލައިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ދެޓީމުންވެސް އިދިކޮޅު ގޯލަށް ނުރައްކާކުރަމުން ގޮސް ކޯޗް އެންޓޯނިއޯ ކޮންޓޭގެ ހާސްކަން ކަނޑުވާލަދިނީ، ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގައި ޕެޑްރޯއެވެ. ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޕެޑްރޯ ކާމިޔާބުކުރީ، ނަމެންޔާ މަޓިޗްގެ އެހީތެރިކަމާއެކު ލިބުނު ބޯޅައެއް، ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ބޭރުން ރޮނގު ކައިރީ ހުރެ ގޯލްގެ ކަނާތްފަރާތު މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި، ޓޮޓެންހަމް އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު 27 މެޗުގެ ތެރޭން އެންމެ މެޗަކުން ވެސް އެޓީމަށް ޗެލްސީ އަތުން މޮޅުވެވިފައެއް ނުވެއެވެ. އެގޮތުން 18 މެޗުން ޗެލްސީ މޮޅުވި އިރު އަނެއް 9 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޓޮޓެންހަމް އެންމެ ފަހުން ޗެލްސީ އަތުން ޗެލްސީގެ ދަނޑުގައި މޮޅުވެފައި ވަނީ، މީގެ 26 އަހަރު ކުރީން 10 ފެބްރުއަރީ 1990ގައެވެ.
ޗެލްސީން މެޗުގެ ކުރި ހޯދި ލަނޑު 51 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ވިކްޓަރ މޮސެސްއެވެ. ޑިއެގޯ ކޮސްޓާ ވަރަށް ރީތިކޮށް ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލުމުން އޭރިޔާ ތެރޭގައި ހުރެ މޮސެސް ފޮނުވާލި ބާރު ހަމަލާ، ކީޕަރު ހޫގޯ ލޮރިސްގެ އަތުގައި ޖެހިފައި، ގޯލް ތެރެއަށް ވަނީ، އެވަގުތު ގޯލް ރޮނގުމަތީގައި ހުރި ޔެން ވާޓެންގަންގެ ފައިގައި ޖެހިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
މި މެޗުގައި ޓޮޓެންހަމުން ޗެލްސީ ކޮޅަށް 12 ހަމަލާ އުފެއްދި އިރު ގޯލަށް އަމާޒުކޮށްލެވުނީ ހަ ހަމަލާއެވެ. ޗެލްސީން ޓޮޓެންހަމްގެ ގޯލަށް ނުވަ ހަމަލާ ފޮނުވާލިއިރު އޭގެ ތެރޭން ފަސް ހަމަލާ ގޯލަށް އަމާޒުކޮށް ދެހަމަލާ ގޯލްގެ ތެރެއަށް ފޮނުވާލިއެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ، މެޗު ރަނގަޅަށް އެނަލައިޒްކޮށްލާއިރު، މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށެވެ. އެހެން ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ލަނޑެއް ވަނުމުން ނަސީބު އަތުގައި ނުހިފީ ކަމަށެވެ.
"ނަތީޖާއާ މެޗު އަހަރެމެން ވަރަށް ދެރަވޭ، އެހެން ނަމަވެސް ޕާފޮމެންސާ މެދު ހިތްހަމަ ޖެހޭ. އަހަރެމެން ކުޅުނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް،" ޕޮޗެޓީނޯ ބުންޏެވެ.
ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ، އޭނާގެ ކުޅުންތެރީން ކުރި ހިތްވަރަށް ތައުރީފު ހައްގު ކަމަށާއި، ޓޮޓެންހަމަކީ ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ.
"ޓޮޓެންހަމް އިން މެޗު ފެށީ ވަރަށް ރަނގަޅަށް. އެއީ އެހާ ފަސޭހަކަމެއް ނޫން 1-0 ލަނޑުން ފަހަތުގަ އޮތުން. އެހެން ނަމަވެސް ޓީމުން އެކުރި މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މިހާރު މުހިއްމީ މި މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުން،" ކޮންޓޭ ބުންޏެވެ.
ޖެހިޖެހިގެން ހަތް މެޗުން މޮޅުވެ، ލީގު ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ ދެން ވާދަކުރާން ޖެހޭނީ، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.