ރާއްޖޭގައި އަންހެނުން ދަރިމައިވާ ދުވަސް ވަރަށް އެޅުމުން ދަރިން ހޯދުމުގައި ބައެއް ފަހަރު އުނދަގޫވެ އެވެ. ސަބަބަކަށް ވެފައި އޮންނަނީ އޯވަރީގައި ސިސްޓު ހުރުމެވެ. ޅައުމުރުގައި އޯވަރީގައި ސިސްޓު އުފެދުމުގެ ސަބަބުން ދަރިން ހޯދުމަށް ދިގު އިންތިޒާރެއް ކުރަން ޖެހި އެތައް ހަރުފަތެއް ގިރާކުރަން ޖެހެ އެވެ.

އޭޑީކޭގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރު ނަޒްމާ ހަމީދު ވިދާޅުވީ އޯވަރީގައި ސިސްޓު ހުރެގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ރާއްޖޭގައި ގިނަ ކަމަށެވެ.

ރަހިމުގައި ސިސްޓް އުފެދެން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ޑރ. ނަޒްމާ ފާހަގަ ކުރެއްވީ ހުންނަންވާ ވަރަށްވުރެ ބަރުވުމެވެ. މާ ބޮޑަށް ބަރުވެގެން ގޮސް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ އޯވަރީގައި ސިސްޓު އުފެދޭ ކަމަށް ނަޒްމާ ވިދާޅުވި އެވެ.

"ރާއްޖޭގައި އޯވަރީގައި ސިސްޓުގެ މައްސަލަ ހަމަ ވަރަށް ގިނަ. މީގެ އެއް ސަބަބަކީ ހަމަ ބަރުދަން ކޮންޓްރޯލް ނުކުރަނީ. ގާތް ގަނޑަަކަށް 13 ނުވަތަ 14 އަހަރުގެ ކުދިން ބަރުދަން ހުންނަން ޖެހޭ ވަރަށް ބަލާނުލާ މާބޮޑަށް ފަލަވެގެން ދަނީ،" ޑރ ނަޒްމާ ވިދާޅުވި އެވެ.

ޅައުމުރުފައި ބަރުދަަނަށް ބަލާނުލައި ފަހުން މީހަކާ އިނދެ ކުދިން ހޯދަން މަސައްކަތް ކޮށް، ކުދިން ނުލިބުނީމަ ޑޮކްޓަރުން ކައިރިއަށް ދާއިރު މާބޮޑަށް ބަރުދަން އިތުރުވެ ހޯމޯންތަކަށް ބަދަލު އައިސްފައި ހުންނަ ކަމަށް ޑރ. ނަޒްމާ ވިދާޅުވި އެވެ. އެހާ ހިސާބަށް ދިއުމުން ބޭސްކޮށްގެން ރަނގަޅު ކުރުމަށްވުރެ ޅައުމުރުގައި ބަރުދަނަށް ބަލައިގެން އުޅުން ރަނގަޅު ކަމަށް ނަޒްމާ ފާހަގަކުރެއްވި އެވެ.

މިހާރުވެސް ބައެއް މީހުން އޯވަރީގައި ސިސްޓު ހުރެގެން އައުމުން ޑައިޓިޝަނުން ކައިރިއަށް ފޮނުވައިގެން އެކްސަސައިޒް ކުރުވައިގެން ބޭހާ ނުލައި ބަރުދަން ލުއިވެ ކުދިން ލިބޭ ކަމަށް ޑރ. ނަޒްމާ ވިދާޅުވި އެވެ.

"އެކްސަސައިޒް ކޮށްގެން ބޭހާ ނުލާ ޕީރިއަޑް އެބަ ރަނގަޅުވޭ. އަބަދު އަބަދު ބޭހާ އެއްޗެހި ބޭނުން ކުރުމަކީ ހައްލެއް ނޫން. ބަރުދަން ލުއިކުރަންވީ. ބޮޑަށް ހަަމަ ޒުވާން ކުދިން ކައިރީ ބުނެލަން ބޭނުންވަނީ ބަރުދަން ލުއިކުރާށޭ،" ޑރ. ނަޒްމާ ވިދާޅުވި އެވެ.

ބަނޑު ބޮޑު ނޫން މީހުންގެ ތެރެއިން ޑޮކްޓަރަށް ދައްކާ 90 ޕަސެންޓް އަންހެނުންނަކީ އޯވަރީގައި ސިސްޓު ހުރެގެން ދައްކާ މީހުންކަން ނަޒްމާ ފާހަގަކުރި އެވެ.

ރޭ ނިމިގެން ދިޔަ ހެލްތް އެންޑް މެޑިކަލް އެކްސްޕޯގައި ޑރ. ނަޒްމާ ވަނީ އަންހެނުންނާއި މާބަނޑު މީހުންނަށް ހާއްސަ ސެޝަންތަކެއް ނަންގަވައި ދެއްވައި މައުލޫމާތު ދެއްވާފަ އެވެ.