14:30


އިންޑޮނޭޝިއާގެ ބަންޑައަޗޭ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.


ޑިޕާޓްމަންޓް އޮފް މީޓީއޮރޮލޮޖިކަލް ސާވިސްގެ ސީނިއަ ވެދަ ފޯކާސްޓަރ އަލީ ޝަރީފު މިއަދު ވިދާޅުވީ 2004 ވަނަ އަހަރު އައި ސުނާމީގައި ވެސް އެންމެ ބޮޑަށް ގެއްލުންލިބުނު ބަންޑައަޗޭއަށް، މިއަދު އެގާރަ ޖަހާކަންހާއިރު، ރެކްޓާ މިންގަނޑުން 7.2ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިޔާއަށް ސުނާމީއެއް އަރައިފާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.


އަލީ ޝަރީފު އަދި ވިދާޅުވީ ސުނާމީއެއް ދުރަށް ފެތުރެނީ ބިންހެލުން އަންނަ ބާރުމިނާއި އަންނަ ގޮތަށް ބަލައިގެން ކަމަށެވެ. އަދި މި ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ އިރުން 2557 ކިލޯމީޓަރަށް ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއާ ހިސާބަށް ސުނާމީއެއްގެ އަސަރު ފޯރާނެކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާލޭގެ ބައެއް އިމާރާތްތަކަށް ބިންހެލުމެއްގެ އަސަރު ފޯރާފައިވާ ކަމަށް، ބައެއް ފަރާތްތަކުން އެ ޑިޕާޓަމަންޓަށް މައުލޫމާތު ދެމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެފަދަކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް އަލީ ޝަރީފު ވިދާޅުވި އެވެ.


2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާގުޅިގެން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


އިންޑޮނީޝިއާގެ މީޓިރޮލޮޖިކަލް އެންޑް ޖިއޯފިޒިކްސް އޭޖެންސީން މައުލޫމާތު ދިން ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ކަނޑުއަޑިން 30 ކިލޯމީޓަރުގެ ފުންމިނުގައެވެ.. އަދި މި ބިންހެލުން އައިސްފައި ވަނީ މެއުލަބޯ އަވަށުގެ ހުޅަނގު ދެކުނުން 66 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދަކަށް ކަމަށާއި އެސަރަހައްދުގެ ވަށައިގެން 100 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ހިސާބުތަކަށް ސުނާމީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެފަރާތުން ބުންޏެވެ.


ނަމަވެސް މި ބިންހެލުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް މީހަކަށް ނުވަތަ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއްނުވެ އެވެ.


އަޗޭ ޕްރޮވިންސަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަރަހައްދެވެ. އެހާދިސާގައި އެޕްރޮވިންސުން ދޮޅު ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.