26 Nov 2016, 23:22
ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން އުފެއްދި ޖާޒީގައި ރެއާލް މެޑްރިޑުން މިރޭ ސްޕެނިޝް ލީގުގައި ކުޅުނު މެޗުން 2-1ގެ ނަތީޖާ އަކުން ސްޕޯޓިން ގިޖޮން އަތުން މޮޅުވެއްޖެއެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ހެދި ޖާޒީ ބޭނުން ކޮށްގެން މީގެ ކުރިން ޖަރުމަނު ލީގުގައި ބަޔާން މިއުނިކް ވެސް ވަނީ މެޗެއް ކުޅެފައެވެ. ހޮފެންހޭމްއާ ދެކޮޅަށް ބަޔާން ކުޅުނު އެމެޗު ނިމުނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
ރެއާލްގެ ސެންތިއާގޯ ބާނަބިއުގައި މިރޭ ކުޅުނު މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ރެއާލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ. ސްޕޯޓިންގެ ޕެނަލްޓީ އޭރިއާ ތެރޭން ރެއާލްގެ ލޫކަސް ވަޒްކަޒް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެއާލްގެ ފުރަތަމަ ގޯލު ރޮނާލްޑޯ ކާމިޔާބްކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ރެއާލްގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މެޗުގެ 18 ވަނަ މިނެޓްގައި ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕޯޓިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަޗޯ ފެނާންޑޭޒް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ސްޕޯޓިންއަށް ސުން ކަނޑުވާލަ ދިން ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކާލޯސް ކާމޮނާއެވެ.
ފުރަތަމަ ހާފްއާ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު ކަރިމް ބެންޒެމާއަށް ވަނީ ލީޑް އިތުރަށް ފުޅާ ކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްޕޯޓިންގެ ގޯލު ކުރިމައްޗަށް ވަޒްކަޒް ނަގައިދިން ހުރަސް ބެންޒެމާ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ކީޕަރާ ދިމާލަށެވެ.
ދެވަނަ ހާފްގައި ސްޕޯޓިންއަށް ނަތީޖާ އެއްވަރުކުރުމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑުޖީ ކޮޕް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
މި ސީޒަނުގެ ލީގުގައި ރެއާލް ކުޅުނު 13 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އަދި ބަލިވެފައިނުވާއިރު އެޓީމް ވަނީ ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނަގައި އޮތް ބާސެލޯނާއަށް 12 މެޗުން ލިބެނީ 26 ޕޮއިންޓެވެ.