އެމްޓީސީސީން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ގެންނަ ބޮޑު ޑްރެޖަރު، އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވަނީ، 36 މިލިއަން ޑޮލަރުގެ ގެނައުމަށް 2014 ވަނަ އަހަރު އެކުންފުނީގެ ބޯޑުން ނިންމާފައިވެއެވެ. "މަހާ ޖައްރާފު"ގެ ނަން ދީފައިވާ މި ޑްރެޖަރު ބަނުމުގެ މަސައްކަތް ޗައިނާގައި މިހާރު ދަނީ ކުރިޔަށެވެ.

މިދިޔަ ތިން އަހަރު ދުވަހު އެމްޓީސީސީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ސޯމިލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ޑްރެޖަރު އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އަގުބޮޑު ޑްރެޖަރެއް އެބަ ގެންނަން. އިރާދަކުރެއްވިއްޔާ އެ ޑްރެޖަރު މާޗު މަހު، ނުވަތަ އަވަސްވެގެން ފެބްރުއަރީގައި ގެނެވޭނެ ކަމަށް މި ބަލަނީ. މިއީ އެމްޓީސީސީ އަދި ދިވެހިރާއްޖޭގެ އިގްތިސާދުވެސް ކުރިއަރައިގެން ދިއުމަށް ލިބޭ ހިތްވަރެއް،" ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީ އިން ގެންނަ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، އެމްޓީސީސީއަށް ގެންނަ ޑްރެޖަރަށް ފައިސާވެސް މިހާރު ވާނީ ދައްކާފައި ކަމަށެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، އެމްޓީސީސީއަށް ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމަކީ، މިވަގުތު ބައިނަލްއަގުވާމީ ކުންފުނިތައް ލައްވާ ރާއްޖޭގައި ކުރުވާ ވަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް އެމްޓީސީސީއަށް ވާދަ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދި ސަރަހައްދީ ގައުމުތަކުގައި ހިންގާ މިފަދަ މަޝްރޫއުތައް ވެސް އެ ޑްރެޖަރު ބެނުންކޮށްގެން، އެމްޓީސީސީއިން ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

"މަހާ ޖައްރާފް" ޑުރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.