26 Nov 2016, 21:33
ކޮލެޖު، ޔުނިވާސިޓީ އަދި ވަޒީފާއަށް ވަނުމުގެ ކުރިން ދަރިވަރުން އެކަމަށް ތައްޔާރުވެ، އަހުލުވެރިކުރުމުގެ ގޮތުން އެވިޑު ކޮލެޖުން ފަސް ދުވަހުގެ ޚާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
"ޕްރީ ކޮލެޖް އެންހޭސްމެންޓް"ގެ ނަމުގައި އެވިޑު ކޮލެޖުން ކުރިޔަށް ގެންދާ މި ޕްރޮގްރާމް އޮންނަނީ ޑިސެމްބަރު ހަތަރަކުން އަށަކަށެވެ. އެވިޑް ކޮލެޖުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.
އެވިޑް ކޮލެޖުގެ ޕްރީ ކޮލެޖް އެންހޭންސްމެންޓް ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އެކެޑެމިކް ރައިޓިން، ޕާސަނަލިޓީ މެނޭޖްމެންޓް، ސްޓަޑީ ސްކިލްސް، އެޓަޔަރ އަދި އިންޓަވިއު ޓިޕްސް ހިމެނެއެވެ.
މީގެ އިތުުރުން ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން އިންޓަވިއުއަށް ތައްޔާރުވާނެ ގޮތްތަކާއި ހެދުން އަޅާނެ ގޮތްތައް ފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.
ފަސް ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަ ކުރާ ބއިވެރިންނަށް އެވިޑް ކޮލެޖުން ސެޓްފިކެޓް ދޭ އިރު، ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ގާބިލު، ތަޖުރިބާކާރު ބޭފުޅުން ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.
"އެވިޑް ކޮލެޖްގެ ބޭނުމަކީ މި ސެޓްފިކެޓް ޙާޞިލްކުރުމަށްފަހު ދަރިވަރުން ވަޒީފާގެ ބާޒާރަށް ކުރިމަތިލުމަށާއި، ދަރިވަރުން ކުރިޔަށްދާން ގަސްތުކުރާ ރޮނގެއް ޚިޔާރުކުރުމަށް ފަސޭހަވުމާއި، ކުރިޔަށް ދިޔުމަށް އިތުރަށް މަގުފަހިވެ ރާއްޖޭގެ ކޮންމެ ކޮލެޖަކުންވެސް ކިޔެވުން ފަސޭހަވެގެންދިއުން،" އެވިޑް ކޮލެޖުން ބުނެއެވެ.
އެވިޑް ކޮލެޖުން މައުލޫމަތު ދޭ ގޮތުގައި، މި ޕްރޮގްރާމުގައި ރެޖިސްޓަރވުމަށް އެވިޑް ކޮލެޖުގެ ހޮޓްލައިން 7803228 އަށް ނަމާއި އައިޑީކާޑު ނަމްބަރު، އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ފޮނުވަން ޖެހެއެވެ.