26 Nov 2016, 20:42
އިނގިރޭސި ޕްރިމިއާ ލީގުގައި އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ދެ ލަނޑުން ބާންލީ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު އެ މެޗުގައި ބާންލީގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނީ 2-1 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުގައި ބާންލީގެ ގޯލް ބަލަހައްޓާފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދަނޑުމަތިން ފެނިފައިނުވާ އުމުރުން 36 އަހަރުގެ ގޯލްކީޕަރު ޕޯލް ރޮބިންސަން އެވެ. ބާންލީގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ރޮބިންސަން އަށް ލިބުނީ ބާންލީގެ އެއް ނަންބަރު ކީޕަރު އަދި ކެޕްޓަން ޓޮމް ހީޓަން އަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މިއަދު ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ބާންލީންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބާންލީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑީން މާނީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ބާރު ހަމަލާއަކުންނެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސިޓީ އަށް ލިބުނު ކޯނަރެއްގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ދިން ބޯޅައަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އަގުއެރޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. ބާންލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފެނާންޑީނިއޯ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަގުއެރޯ އެވެ.
އެ ނަތީޖާއާ އެކު ސިޓީ އަށް ވަނީ ވަގުތީގޮތުން ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނަ ލިބިފައެވެ. ލީގުގައި ކުޅުނު 13 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި ސިޓީ އޮތް އިރު، ދެ ވަނައިގައި އޮތް ޗެލްސީ އަށް 12 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް އާސެނަލަށް 12 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.