ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފާހަގަ ކޮށްފި އެވެ.

"ހަބޭސް 3 އެމްޓީސީސީ ކަށަވަރު"ގެ ނަމުގައި މިއަދު ހަވީރު އެމްޓީސީސީ ކަށަވަރުގައި ބޭއްވި ހަރަކާތުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވައިޒް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިސްމާއިލް ފާރިގް ވިދާޅުވީ، އެމްޓީސީސީ ކަށަވަރުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ތަކެއް ހޯއްދަވާފައިވާ ކަމަށާއި، އެ ކާމިޔާބީތައް ހާސިލް ކުރެވުނީ ސަރުކާރާއި، މުވައްޒަފުން ކުރި މަސައްކަތުން ކަމަށެވެ.

"މި ކާމިޔާބީތައް އެމްޓީސީސީއަށް ކާމިޔާބު ކުރެވިފައިވަނީ ސަރުކާރުން ދިން އެއްބާރުލުމުގެ ސަބަބުން،" ފާރިގް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ތިން އަހަރަކީ އެމްޓީސީސީ ކަށަވަރުގެ ވިޔަފާރި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ތިން އަހަރު ކަމަށް ފާރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީގެ ވިޔަފާރި 2014 ވަނަ އަހަަރާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިިތުރު ވެފައިވާ ކަމަށާއި، އެގޮތުން 194 މިލިއަން ރުފިޔާގެ ވިޔަފާރި 2014 ވަނަ އަހަރު ކުރެވިފައިވާއިރު، މިއަހަރު ނިމެންވާއިރަށް 300 މިލިއަން ރުފިޔާގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު އެމްޓީސީސީ ކަށަވަރުގެ ފައިދާގެ ގޮތުގައި ލިބިފައިވަަނީ 36 މިލިއަން ރުފިޔާ ކަމަށާއި، މިއަހަރުގެ ފައިދާ 50 މިލިއަނަަށް އަރާނެ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އޭނާގެ ވާހަކަފުޅުގައި އެމްޓީސީސީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއްގައި އެއްޗެހި ގަނެވޭނެ މަގު ފަހި ކޮށްދެއްވާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ތިން އަހަރު ދުވަހު ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެމްޓީސީސީ ކަށަވަރުގެ މުވައްޒަފުންވަނީ ކޭކެއްވެސް ފަޅާފައެވެ.