އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތަކަސް، އެގައުމުގެ ސަރުކާރަކަށް އެގައުމުގެ ޤާނޫނު އަސާސީއާ ކުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

މިއަދަކީ އިންޑިއާގައި ފާހަގަކުރާ، އެގައުމުގެ ޤާނޫނު އަސާސީ ދުވަހެވެ. މި ދުވަހަކީ 1949 ވަނަ އަހަރު އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުން، އެ ޤާނޫނު އަސާސީގެ މަސައްކަތްތައް ރަސްމީކޮށް ނިންމައި، އެއީ އިންޑިއާގެ ޤާނޫނު އަސާސީ ކަމުގައި ބަލައިގަތް ދުވަހެވެ. އެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އިންޑިއާގެ ޤާނޫނު އަސާސީ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބެސެޑަރު އަކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިއާގެ ޤާނޫނު އަސާސީއަކީ ވަރަށް ޚާއްސަ އެއްޗެއް ކަމަށެވެ. ސަފީރު ވިދާޅުވީ، އެ ޤާނޫނު އަސާސީގައި، އިންޑިއާގެ ވެރިކަމުގެ ނިޒާމުތައް މަސައްކަތް ކުރާނެ ގޮތްތައް އެންމެ ކުދި ތަފްސީލުތަކާ ހަމައަށް ލިޔެވިފައިވާ ކަމަށެވެ.

އިންޑިއާގެ ގާނޫނު އަސާސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ-- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ޤާނޫނު އަސާސީ ލިޔުއްވި ބޭފުޅުން ވަނީ އެންމެ ކުދި ތަފްސީލުތައް ވެސް ލިޔުއްވާފައި. ވެރިކަމާއި ފަނޑިޔާރުގެއާއި ގާނޫނު ހަދާ މަޖިލީސް މަސައްކަތް ކުރަންވާ ގޮތް ވަރަށް ތަފްސީލުކޮށް އޮވޭ. ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ފަދަ ގޮތަކަށް ޗެކް އެންޑް ބެލެންސްގެ ވަރަށް ފުރިހަމަ މެކޭނިޒަމެއް އޮވޭ،" ސަފީރު އަކިލޭޝް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، އިންޑިއާގެ ގާނޫނު އަސާސީގެ ޚާއްސަކަމަކީ، އެ ގާނޫނު އަސާސީ އެންމެ ފުރަތަމަ ތަންފީޒުކުރެވުނު އިރުވެސް، އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހައްގުތައް ލިބިދީފައިވުން ކަމަށެވެ.

އިންޑިއާގެ ގާނޫނު އަސާސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ-- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ހުޅަނގުގެ ގައުމުތަކުގައި އަންހެނުންނަށް އެންމެ ފުރަތަމަ ނުލިބޭ ގާނޫނީ ހައިސިއްޔަތެއް ވެސް. ވޯޓު ލުމުގެ ހައްގުވެސް ލިބުނީ އެތައް މަސައްކަތަކުން. އިންޑިއާއަކީ ވަރަށް ތަފާތު ރައްޔިތުންތަކެއް އުޅޭ ގައުމެއް. އެކަމަކު އިންޑިއާގައި އެއްވެސް ނަސްލެއް، ދީނެއް، މުއްސަންޖެއް ފަގީރެއް ނުބަލައި، އެންމެ ފުރަތަމަވެސް ހުރިހާ ރައްޔިތުންނަށް ގާނޫނީ ހައިސިއްޔަތު ދިން. ވޯޓުލުމުގެ ހައްގުވެސް އެންމެންނަށް ދެވުނު،" އަކިލޭޝް ވިދާޅުވިއެވެ.

އަކިލޭޝް ވިދާޅުވި ގޮތުގައި އިންޑިއާގެ ގާނޫނު އަސާސީން ހުރިހާ ކަމެއްގެ ވެސް ތަރަހަ ކަނޑައަޅާފައިވާ އިރު، ގާނޫނު އަސާސީގެ މައިގަނޑު އަސާސުތަކާ ކުޅުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތަސް، ގާނޫނު އަސާސީއާ ކުޅެ، އެ ބަދަލުކުރުމުގެ ފުރުސަތު ސަރުކާރަށް ވެސް ނުލިބޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ޕާލަމެންޓުގެ މެޖޯރިޓީ ލިބުނަސް، ޤާނޫނު އަސާސީގެ އެންމެ މައިގަނޑު އަސާސުތަކާ ކުޅުމުގެ ބާރެއް އިންޑިއާގައި ސަރުކާރަށް ނުލިބޭނެ،"

އިންޑިއާގެ ގާނޫނު އަސާސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ-- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސަފީރު އިތުރަށް ވިދާޅުވީ، އިންޑިއާގެ ޤާނޫނު އަސާސީން ބާރުތައް ވަކިވެފައިވާ ނިޒާމެއް ގާއިމުކޮށްފައިވާ އިރު، ދެފުށް ފެންނަ ފަދަ، ޗެކް އެންޑް ބެލެންސް ނިޒާމުތަކެއް އެކުލެވޭ ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާ ކޮންޓްރޯލް ކުރަނީ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރުން ކަމަށް ވާ އިރު، އަސްކަރިއްޔާއަކީ އަބަދުވެސް އެއިރެއްގައި ވެރިކަމުގައި ހުންނަވާ ވެރިންނަށް އިހްތިރާމުކުރާ، އަދި އެމީހުންގެ އަމުރުތަކަށް ކިޔަމަންވާ ބާރެއް ކަމަށް އަކިލޭޝް ވިދާޅުވިއެވެ.

"ގާނޫނު އަސާސީއަކީ ދިރިހުރި ލިޔުމެއް. އެހާ ފްލެކްސިބަލް އެއްޗެއް. ނަމަވެސް ހުރިހާ ކަމެއްގެ އަސާސުތައް ވަރަށް ފުރިހަމައަށް ގާއިމުކޮށްދޭ ލިޔުމެއް އެއީ،" އަކިލޭޝް ވިދާޅުވިއެވެ.