ފަސޭހަކަމާއެކު މަގޫދޫ ފުޓްބޯޅަ ޓީމު ބަލިކޮށް، ކުޑަފަރީ ފުޓްބޯޅަ ކްލަބުން ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުން ރަނގަޅުކޮށްފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި މަގޫދޫގެ މައްޗަށް ކުޑަފަރީން ކުރި ހޯދާފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ދެ ވަނަ ހާފުގައި ކުޑަފަރީން ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ކުޑަފަރީން ދެ ލަނޑު ޖަހައި ލީޑު ހޯދި އެވެ. ކުޑަފަރީގެ ފުރަތަމަ ލަނޑު އާދަމް ރިއްފަތު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސޯދިގެވެ. އެ ޓީމުގެ ފަހު ލަނޑު މެޗު ނިމެނިކޮށް، ކާމިޔާބުކޮށްދިނީ މުހައްމަދު ޖުނައިދު އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފުރަތަމަ މެޗުގައި، މަގޫދޫ ފުޓްބޯޅަ ޓީމު 3-0 ލަނޑުން ބަލިކޮށް، ކުޑަފަރީން ވަނީ ފެށުން ރަނގަޅުކޮށްފައި -- ސަން ފޮޓޯ: އަލީ އާތިފް

އެހެން އަހަރުތަކެކޭ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ކުޑަފަރީ އެފްސީ އާއި، މަގޫދޫ އެފްޓީ އާއި، އެފްސީ މާފަރާއި، ވެލިދޫ އަދި ލަންދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހޮޅުދޫ އެފްސީ އާއި، ޅޮހި ބޯޅަ ޓީމާއި، ހެނބަދޫ އެފްޓީ އަދި މިލަދޫ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ކެނދިކުޅުދޫ އެފްސީ އާއި، ފޮއްދޫ އެފްސީ އާއި، މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްޓީ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ އާތިފް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވާ، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅަ އަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ އެފްސީ މާފަރާއި ވެލިދޫ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ އާތިފް

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.