26 Nov 2016, 19:02
ށ. ފުނަދޫގައި ކުޑަ ކުއްޖަކު ކަރަންޓުގައި ޖެހި، މަރުވެއްޖެއެވެ.
ށ. ފުނަދޫ ކައުންސިލް މެމްބަރު އަހްމަދު ނަޒީރު "ސަން" އަށް ވިދާޅުވީ، އެރަށުގައި މިއަދު ކުޑަ ކުއްޖަކު ކުޅެން އުޅެނިކޮށް ކަރަންޓު ހޮޅިދަނޑިއެއްގައި ޖެހި، އެކުއްޖާ މަރުވެފައިވާ ކަމަށެވެ.
ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހުޝާމް "ސަން"އަށް ވިދާޅުވީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައީ މިއަދު ހަވީރު 4:30 އާ 5:00އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
"ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަރަކާތެއް ނެތް،" ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ، އިތުރު ކުދީންތަކަކާ އެކު މަގުމަތީގަ 'ފީކޯ' ކުޅެން އުޅުމުގެ ތެރޭގައި، ފިލަން އުޅެނިކޮށް، މަގުމަތީގަ ޖަހާފައި ހުރި ހޮޅިދަނޑިއެެއްގެ ދޭތެރޭގައި ތާށިވެ، ކަރަންޓުގައި ޖެހިގެން" ކަމަށެވެ.
"އެކުއްޖާ ވެއްޓުނު ފަހުން ފަސް ވަރަކަށް މިނިޓް ވަންދެން އޮތް. ކުއްޖާއާއެކު ކުޅޭން އުޅުނު ކުދީން ތިބީ ހަދާނޭ ގޮތެއްވެސް ނޭނގިފައި. ފަސް ވަރަކަށް މިނިޓްފަހުން އެހެންލާފައި ދިޔަ މީހަކަށް އެ މަންޒަރު ފެނިގެން ކުއްޖާ ހޮސްޕިޓަލަށް ގެނައީ."
މި ހާދިސާގައި މަރުވެފައިވަނީ 12 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ފުނަދޫގައި ކަރަންޓުގައި ޖެހިގެން ކުއްޖަކު މަރުވެގެން އުޅޭކަން، މިއަދު ހަވީރު 17:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ ހާދިސާ ފުލުހުން ބަލަމުންދާ ކަމަށެވެ.