ބޭންކް އޮފް މޯލްޑިވްސް ]ބީއެމްއެލް[ގެ ކަސްޓަމަރެއްގެ އެކައުންޓުން އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ މަދުވި މައްސަލައެއް ބޭންކުންނާއި ފުލުހުން ބަލަންފަށައިފި އެވެ.

ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް އިން އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ ނޫހުގައި ނަން ޖަހަން ބޭނުންނުވާ އެ މީހާ ބުނީ އޭނާގެ އެ ކައުންޓުން 120000 ރުފިޔާ މަދުވިކަން އެނގުނީ މި މަހުގެ ތެރޭގައި ކަމަށެވެ.

ވަގު ކާޑަކުން އެ ފައިސާތައް ނެގި މީހާ ވަނީ މޭ މަހުން ފެށިގެން 24 ފަހަރެއްގެ މަތިން 5000 ރުފިޔާ ވަގަށް ނަގާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު އެ މައްސަލަ ފުލުހުންނާއި ބޭންކަށް ވެސް ފޮނުވައިފިން. ބަލަމުން އެބަ ގެންދޭ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރަމުން އަންނާތީ އެކަމުގެ މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އަކީ ބޭންކުގެ ކަސްޓަމަރެއްގެ އަމިއްލަ މައުލޫމާތަކަށް ވުމުން އެމައްސަލައާ ގުޅޭ މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަސްޓަމަރަކު މައްސަލައެއް ޖައްސާފައި އޮވެއްޖިއްޔާ އެ މައްސަލަ ބަލައި އެ މައުލޫމާތު ކަސްޓަމަރަކާ ހިއްސާ ކުރަމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބޭންކުން އެ މައްސަލަ ބެލި ބެލުމުން އެ ފައިސާ ނަގާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ނައިފަރު ބްރާންޗުގެ އޭޓީއެމްއަކުންނާއި އަދި ވެލާނާގޭ އޮފީސް އިމާރާތުގައި ވަރަށް ފަހުން ހުޅުވި އޭޓީއެމްއެމް އަކުންނެވެ.

ގިނަ ރުފިޔާތަކެއް މަދުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ އިރު ބޭންކުން ވެސް އަދި ފުލުހުން ވެސް ދާދިފަހުން ވަނީ މި ދުވަސް ވަރު އަނެއްކާ ވެސް ވަގު ކާޑުތަކެއް ބޭނުންކޮށްގެން ލާރިނެގުމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ބޭންކުން މިހާރު އަންނަނީ އެންޓި ފްރައުޑް ކެމްޕޭނެއް ވެސް ހިންގަމުންނެވެ.