އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޕީއެޗްޑީ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔުސިމްގައި އޮތް ރަސްމިއްޔާތެއްގައި އެމްސީއައިއެފްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. އަދި ޔުސިމް ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ދާތޯ މޫސާ އަހްމަދެވެ.

އެ އެއްބަސްވުމުގެ ދަށުން ޔުސިމްގެ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައިއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި އެމްސީއައިއެފްގެ ދަށުން ހިންގާ ސައުތުއޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް (ސައިފް)ގައި ކުރިއަށް ގެންދާ ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ޔުސިމް އިން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން އެމްސީއައިއެފް އިން ކުރިއަށް ގެންދ ތަފާތު ދިރާސާތަކުގައި ރިސާޗް ޕާޓްނަރެއްގެ ގޮތުގައި ޔުސިމް އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެމްސީއައިއެފް އާއި ޔުސިމް އާ ދެމެދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްސީއައިއެފް އިން ބުނެ އެވެ.