ނިއު ދިއްލީ (ނޮވެމްބަރު 26): އިންޑިއާގެ ޓެލަންގާނަ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ އާގެޔަށް ޓެކްސް ފައިސާއިން 7.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަން އެނގުމުން މިނިސްޓަރަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.

ޗީފް މިނިސްޓަރު ކޭ ޗަންދުރަސޭކަރު ރާއޯ އޭނާގެ ގަނޑުވަރެއް ފަދަ އާ ގޭގައި ދިރިއުޅުއްވަން ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ހައިދަރުއާބާދު ސިޓީގެ 9000 ސްކޮއާ މީޓަރުގެ ބިމެއްގައި އިމާރާތްކޮށްފައިވާ އެގޭގައި ސަލާމަތީ ސަބަބުތަކަށްޓަކާ ބުލެޓް ޕްރޫފް ކޮށްފައިވާ ފާހާނާއަކާއި، 250 މީހުންނަށް އެއްފަހަރާ ތިބެވޭ އޮޑިޓޯރިއަމް އަކާއި، 500 މީހުންނަށް އެއް ފަހަރާ ތިބެވޭ މީޓިން ހޯލް އެއް ހިމެނެ އެވެ.

ޓެލަންގާނަ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިނިސްޓަރު ރާއޯ އަށް އާގެޔެއް އަޅަން ޖެހުނީ އޭނާ ކުރިން ދިރިއުޅުއްވި ގޭގައި ގިނަ ބަޔަކާ ބައްދަލު ކުރާނެ ކޮޓަރި އަކާއި، ބޮޑު ޕާކިން ސަރަހައްދެއް ނެތުމުންނެވެ.

މިނިސްޓަރު ރާއޯގެ ގެޔަށް ކޮށްފައިވާ ހަރަދުގެ ވާހަކަ ފެންމަތިވެފައި ވަނީ އިންޑިއާ ސަރުކާރުން ކުއްލިއަކަށް އެގައުމުގެ ފައިސާގެ ދެ ނޫޓު އުވާލުމާ ގުޅިގެން ގިނަ އަަދަދެއްގެ އިންޑިއާ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.

މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ މަހުޖަނަކު އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާއަށް ހަރަދު ކުރުމާ ގުޅިގެން ވެސް އިންޑިއާ ރައްޔިތުން ވަނީ އޭނާއަށް ވެސް ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ. (ބީބީސީ)