26 Nov 2016, 11:21
ހަވާނާ (ނޮވެމްބަރޔު 26): ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އުމުރުން 90 އަހަރުގައި އަވަހާރަވެއްޖެ ކަމަށް ކިއުބާގެ ދައުލަތުގެ މީޑިއާއިން އިއުލާންކޮށްފި އެވެ.
ކާސްޓްރޯގެ މަރާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއިން އިތުރު ތަފްސީލު ހާމަކޮށްފައި ނުވެ އެވެ.
ކާސްޓްރޯ ވަނީ ކިއުބާގެ ވެރިކަން ގާތްގަނޑަކަށް ބައި ގަރުނު ވަންދެން ކުރައްވާފަ އެވެ. ދެހާސްއަށް ވަނަ އަހަރު ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކާސްޓްރޯ ވެރިކަމުން ފައިބައި ވަޑައިގެންނެވީ އޭނާގެ ކޮއްކޮ، ރައުލް ކާސްޓްރޯއާ ވެރިކަން ހަވާލު ކުރެއްވުމަށް ފަހު އެވެ.
ކިއުބާއަށް އިންގިލާބެއް ގެނެސްދިން ކާސްޓްރޯ އަކީ އެގައުމުގެ ރައްޔިތުންނާ ގައުމު އަނެއްކާވެސް ހަވާލު ކުރެއްވި ފަރާތެއް ކަމަށް އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ އިރު، ކާސްޓްރޯއާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަކީ އިދިކޮޅު ފަރާތްތައް ހުއްޓުވަން މަސައްކަތް ކުރެއްވި ފަރާތެކެވެ. (ބީބީސީ)