ތެހެރާން : އީރާނުން އަނެއްކާވެސް އިތުރު ސެޓަައިޓެއް ކާމިޔާބު ކަމާއެކު ފަޒާއަށް ފޮނުވާލައިފިއެވެ. އީރާނުގެ ފަޒާއާބެހޭ އިދާރާއާ ޙަވާލާދީ އެޤައުމުގެ އަލްޢާލަމް ޓީވީ ނެޓްވާރކް ބުނިގޮތުގައި މިއީ ބިމުގެ ސަތްޙު ސަރވޭ ކުރުމާއި ބިމުގެ އަޑީގެ ބައެއް ތަންތަން ފޮޓޯ ނެގުމަށް ޚާއްސަކޮށްފައިވާ ޖާސޫސީ ސެޓަލައިޓެއް ކަމަށް ޚަބަރުތައް ބުނެއެވެ.
މިސެޓަލައިޓް ޖައްވަށް ފޮނުވުމަށް އީރާނުގެ ސައެންސްވެރިން ބޭނުންކުރީ އެޤައުމުން އުފައްދާފައިވާ ފަޒާގެ ރޮކެޓެއް ކަމަށްވާ "ސައިމޫޖް" މަރުކާގެ ރޮކެޓެއް ކަމަށް ޚަބަރު ލިބެއެވެ. އީރާނުގެ ފަޒާއާބެހޭ ސްޓޭޝަން ހުންނަނީ ތެހެރާންގެ ދެކުނުގެ ހިސާބެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

" ރަސްދު 1 " ގެ ނަމުން ނަންދީފައިވާ މިސެޓަލައިޓް ޖައްވަށް ފޮނުވާލާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާ މިސެޓެލައިޓް ޖައްވުގައި ބަހައްޓާފައިވަނީ ބިމުގެ ސަތްޙުން 260 ކިލޯމީޓަރުގެ މަތީގައިވާ އޯބިޓެއްގައި ކަމަށް އީރާން ބުނެއެވެ. މިއީ އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން ޖައްވަށް ފޮނުވާ ތިންވަނަ ސެޓަލައިޓެވެ.

އެންމެފުރަތަމަ އީރާނުން ޖައްވަށް ސެޓަލައިޓެއް ފޮނުވާލާފައިވަނީ 2008 ގައެވެ. އެއީ ތަޖްރިބާ ކުރުމުގެ ގޮތުން ފޮނުވި ޑަމީ ސެޓަލައިޓެކެވެ. އެސެޓަލައިޓް ޖައްވަށް ފޮނުވާލީ އީރަނުން އުފައްދާ ޝިހާބު 3 މަރުކާގެ މިސައިލެއް ބޭނުންކޮށްގެންނެވެ. އެއަށް ފަހު 2010 ގައި "އުންމީދު" ގެ ނަމުގައި އީރާނުން ފުރަތަމަ ފަހަރަށް އަސްލު ސެޓަލައިޓެއް އަމިއްލަ ޓެކްނޮލޮޖީގައި ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލިއެވެ.

އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފައްދައި އަދި ސެޓަލައިޓް ޖައްވަށް ފޮނުވުމުގެ ޤާބިލްކަން ލިބިފައިވާ އަށެއްކަ ޤައުމުގެ ތެރޭގައި ހިމެނޭ ހަމައެކަނި އިސްލާމީ ޤައުމެވެ.

އީރާނުގެ ރައީސް މަޙްމޫދު އަޙްމަދީ ނެޖާދް ދާދިފަހުންވަނީ 2012 ގައި ފަޒާއަށް ފޮނުމަށް ޚާއްސަކޮށްގެން 4 ސެޓަލައިޓެއް އުފެއްދުމުގެ މަޝްރޫޢެއް އިފްތިތާޙް ކުރައްވާފައެވެ. އީރާނުން ގެންދަނީ 2018 ގައި ފަޟާއަށް އިންސާނަކު ފޮނުވުމަށްވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށް އެޤައުމުގެ ފަޒާއާބެހޭ އިދާރާއިން ބުނެފައިވެއެވެ.

އީރާނުން ސައެންސްގެ ރޮނގުން މިހާބޮޑަށް ކުރިޔަށް ގޮސްފައިމިވަނީ 1979 ގައި އީރާނަށް އައި އިސްލާމީ އިންޤިލާބާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން އެޤައުމާ ދެކޮޅަށް އިޤްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތާ 31 އަހަރު ވެފައި ވަނިކޮށެވެ. އީރާނުގެ މިކުރިއެރުންތަކާމެދު އެމެރިކާއާއި އިސްރާއީލުން ގެންދަނީ ކަންބޮޑުވާކަން ހާމަކޮށް އީރާނަށް ބޮންއަޅަން ޖެހިދާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ.

މިހާތަނަށް އަމިއްލަ ޓެކްނޮލޮޖީގައި ޖައްވަށް އިންސާނަކު ފޮނުވިފައިވަނީ އެމެރިކާއާއި ރަޝިޔާގެ އިތުރުން ޗައިނާއަށެވެ. ނަމަވެސް 2016 ގައި އިންޑިޔާއިން ފަޟާއަށް އިންސާނަކު ފޮނުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ. -- އަލްޢާލަމް، ނޫސްއެޖެންސީތައް