ބޮލީވުޑުގެ ޚަބަރުތަކަށް ލޯބިކުރާ ފަރާތްތަކުން މިހާރު އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ ބޮލީވުޑްގެ އެންމެ ކަމުދާ ޖޯޑު ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ވަކިވެފައިވާ ވާހަކަ އެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުން ދެމީހުންގެ ގުޅުން ހީނަރުވެ ކުޑަ ބްރޭކެއް ނެގީ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން ދެމީހުންގެ ގުޅުން އެއްކޮށް ކެނޑުނީ އެވެ.

އެކި ގޮތަށް ވާހަކަ ދެކެވެމުން އަންނަ އިރު ދެމީހުން ދުރުވާން ޖެހުނު ނުވަތަ ވަކިވާން ޖެހުނު ސަބަބު ވެސް އެކި ފަރާތްތަކުން ކިޔަނީ އެކި ގޮތަށެވެ. ބައެއް ފަރާތްތަކުން ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެ ވާހަކަތައް ގުޅުވަމުން އަންނަ އިރު އަނެއް ބަޔަކު ބުނަނީ ދެމީހުންގެ ގުޅުން ހީނަރުވީ އެކްޓަރު ޝާހިދު ކަޕޫރުގެ ސަބަބުން ކަމަށެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މިހާތަނަށް އެއްބަސްވެފައި ނުވާއިރު، ދެމީހުންގެ ގުޅުން ނިމުނު ކަމަށް ބުނެ ދައްކާ ވާހަކައަށް ވެސް ދީޕިކާ އަދި ރަންވީރު ވެސް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

ދެމީހުންގެ ބަހަކަށް އިންތިޒާރު ކޮށްގެން ތިބި ހުރިހާ އެންމެންގެ ހީކުރުންތައް ނިންމާލަދީ ދެކެވެމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަން ހާމަކޮށްދިނީ ދާދި ފަހުން އާންމުވި ފޮޓޯ އަކާ އެކު އެވެ.

ދީޕިކާ އާއި ރަންވީރު އަމްބާނީ ރެސިޑެންސްގައި ބައެއް ފަންނާނުންނާ އެކު ފޮޓޯ އަކަށް ހުއްޓިގެން ---

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ އާއިލާ މެމްބަރެއްގެ ކައިވެނީގެ ކުރިން ބޭއްވި ހަފްލާއެއްގައި ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ހަފްލާ އިން ނުކުމެގެން އައި ރަންވީރު އަދި ދީޕިކާ އަށެވެ.

އަމްބާނީ ރެސިޑެންސް އިން ދެމީހުން ނުކުތީ އަތުގައި ހިފައިގެންނެވެ. އަދި ދެމީހުން ފެނުނީ ވެސް ވަރަށް ހިނިތުންވެފައި ތިބެ ނުކުމެގެން ދިޔަ މަންޒަރެވެ. ދެމީހުން އަތުގައި ހިފައިގެން ދަނިކޮށް ނަގާފައިވާ ފޮޓޯ އިން ވެސް ދީޕިކާގެ އުފާވެރި ހިނިތުންވުން ފެނެ އެވެ. އަދި ދެމީހުންގެ ދޭތެރޭ އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަށް ލަފައެއް ނުކުރެވެ އެވެ.

ދީޕިކާ އާއި ރަންވީރު މިހާރު އަންނަނީ ދެމީހުން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމު، 'ޕަދްމާވަތީ' ގެ މަސައްކަތް ކުރަމުންނެވެ. ދީޕިކާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ރިލީޒް ކުރުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު އަންނަ މަހު ރަންވީރުގެ 'ބޭފިކްރޭ' ސިނަމާތަކަށް އަންނާނެ އެވެ.