26 Nov 2016, 09:26
ދެހާސް ހަތްވަނަ އަހަރު ނުކުތް ފިލްމު 'ސާވަރިޔާ' އިން ބޮލީވުޑަށް ތައާރަފުވި ރަންބީރު ކަޕޫރު އަދި ސޯނަމް ކަޕޫރު، ދިހަ އަހަރު ފަހުން އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެ އެވެ.
ރަންބީރު އަދި ސޯނަމް އެކުގައި ފެނިގެންދާނީ ބޮލީވުޑްގެ ބަތަލު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުންނެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ އެ ފިލްމުގައި ސަންޖޭގެ ރޯލުން ރަންބީރު ފެނިގެން ދާއިރު، ސޯނަމް ފެނިގެން ދާނީ ސަންޖޭގެ ލޯބިވެރިއެއްގެ ރޯލުންނެވެ.
ސަންޖޭ ވަނީ 1980 އަދި 1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ ވަރަށް ގިނަ އަންހެން ފަންނާނުންނާ ލޯބީގެ ގޮތުން ގުޅިފަ އެވެ. އެހެންކަމުން ސީދާ ވަކި ލޯބިވެރިއެއްގެ ބައި ހިމެނުމުގެ ބަދަލުގައި، ސޯނަމް ފެނިގެންދާނީ ޚިޔާލީ ކެރެކްޓަރެއްގެ ގޮތުގައި ކަމަށް ލަފާކުރެވެ އެވެ.
ރާޖް ކުމާރު ހިރާނީ ވަނީ ފިލްމުގައި ސޯނަމްގެ ރޯލެއް ހިމެނޭނެ ކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ސޯނަމް ފެނިގެން ދާނީ ޚާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.
އެ ފިލްމުގައި ބަތަލާ އަނުޝްކާ ޝަރްމާގެ ރޯލެއް ވެސް ހިމެނޭނެ އެވެ. ފިލްމުގައި އަނުޝްކާ އަދާކުރާނީ ނޫސްވެރިއެއްގެ ރޯލެވެ.
މިއީ ސޯނަމް އަދި ރަންބީރުގެ ދެވަނަ ފިލްމު ނަމަވެސް، ރަންބީރު އާއި އަނުޝްކާ އެކުގައި ފެނިގެންދާ މިއީ ތިން ވަނަ ފަހަރެވެ.
ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
ސޯނަމް އާއި ރަންބީރު އެކުގައި ކެރިއަރު ފެށި ނަމަވެސް، ދެމީހުންގެ ދޭތެރޭ ޖެހުނު މައްސަލަ އަކަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ވާހަކަ ނުދައްކައި ވެސް ދިޔަ އެވެ. ނަމަވެސް މިހާރު ދެމީހުން ވަނީ މައާފަށް އެދި ސުލްހަ ވެފަ އެވެ.