26 Nov 2016, 09:29
ބޮލީވުޑުގެ ރަސްގެފާނު ޝާހު ރުކް ޚާން އަދި މިހާރު އެންމެ ވިދުން ގަދަ ބަތަލާ އާލިއާ ބަޓް އެކުގައި ފެނިގެންދާ ފިލްމު، 'ޑިއާ ޒިންދަގީ' ރިލީޒް ކުރި ފުރަތަމަ ދުވަހު ވެސް ފިލްމަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު އެމެރިކާގައި ފިލްމު ރިލީޒް ކޮށްފައި ވާއިރު، ފުރަތަމަ ދުވަހު އެކަނިވެސް އެ ފިލްމަށް 1.19 ކުރޯޑު ރުޕީޒް ވަނީ ލިބިފަ އެވެ.
އަދި އިއްޔެ އިންޑިއާގައި ފިލްމު ރިލީޒް ކުރި އިރު، ދުވާލު ގަޑީގައި ސިނަމާތަކުގެ އޮކިއުޕެންސީ ރޭޓް އުޅުނީ 45 ޕަސެންޓުގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ފިލްމު ރަނގަޅު އާމްދަނީއެއް ހޯދާނެ އެވެ.
ހިޓް ފިލްމު 'އިންގްލިޝް ވިންގްލިޝް' ގެ ޑައިރެކްޓަރު ގޯރީ ޝިންދޭގެ ދެވަނަ ފިލްމް 'ޑިއާ ޒިންދަގީ' ވަނީ އިންޑިއާގެ 1200 އަށް ވުރެ ގިނަ ސިނަމާގައި އަޅުވައިފަ އެވެ. އަދި އިންޑިއާ އިން ބޭރުގައި ވެސް 600 އަށް ވުރެ ގިނަ ސިނަމާގައި ފިލްމު ވަނީ ރިލީޒް ކޮށްފަ އެވެ.
ޓްރެއިލަރ އެއް ރިލީޒް ނުކޮށް، ފިލްމު ޕްރޮމޯޓު ކުރުމަށް ހަތަރު ޓީޒަރ ރިލީޒް ކުރި އެ ފިލްމަށް ކުރިން ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ޓީޒަރތައް ބެލުމަށް ފަހު ޝާހުގެ އިތުރުން އާލިއާގެ ވެސް ވަރަށް މޮޅު އެކްޓިން އެއް ފިލްމުން ފެންނާނެ ކަމަށް ގިނަ ބަޔަކު ވަނީ ލަފާކޮށްފަ އެވެ.
ފިލްމުގެ މުހިންމު ރޯލުތަކުން ދެން ފެނިގެން ދާނީ ކުނާލް ކަޕޫރު، އަލީ ޒަފަރު އަދި އަންގަދް ބޭދީ އެވެ.
ފިލްމުގައި އާލިއާ ފެނިގެންދާނީ ތަކުރާރުކޮށް ލޯބީގެ ނާކާމިޔާބުވެ، ހިތް ހަލާކުވެފައިވާ ކުއްޖެއްގެ ރޯލުންނެވެ. އަދި ޝާހު ފެނިގެން ދާނީ އާލިއާގެ ހަމަނުޖެހުން ބޮޑުވެފައިވާ ހިތާއި ސިކުނޑިއަށް ލުއިކަމެއް ހޯދައިދީ ދިރިއުޅުމުގެ މަގުސަދު ވިސްނައި ދިނުމަށް އެހީވެދޭ ތެރަޕިސްޓެއްގެ ރޯލުންނެވެ.