26 Nov 2016, 09:31
މިހާރު ޝޫޓިން ފެށިގެން ކުރިއަށްދާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު، 'ޕަދްމާވަތީ' ގެ ޝޫޓިންގައި ބަތަލު ޝާހިދު ކަޕޫރު ވެސް ބައިވެރިވާން ފަށައިފިއެވެ.
ޝާހިދުގެ އިތުރުން ދެން ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯން އަދި ބަތަލު ރަންވީރު ސިންގ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ރަންވީރު އަދި ދީޕިކާ ވަނީ ޝޫޓިން ފަށައިފަ އެވެ.
އަންހެނުން ވިހެއުމާ ގުޅިގެން މަސައްކަތުން ބްރޭކެއް ނެގުމަށް ފަހު ޕަދްމާވަތީގެ ޝޫޓިން އާ ގުޅުނުކަން ޝާހިދު ހާމަކުރީ އިންސްޓަގްރާމް ގައި ޕޯސްޓު ކުރި ފޮޓޯ އަކާ އެކު އެވެ.
ފިލްމުގައި ދީޕިކާ ފެނިގެން ދާނީ ރާޖްޕުތުގެ ރާނީ ޕަދްމާވަތީގެ ރޯލުންނެވެ. ޝާހިދު އަދާކުރާނީ ޕަދްމާވަތީގެ ފިރިކަލުން ރާޖާ ރަތަން ސިންގ ގެ ރޯލެވެ.
ފިލްމުގައި ރަންވީރު ސިންގ އަދާ ކުރާނީ ކުރިން ދިއްލީގައި ރަސްކަން ކުރި އަލާއުއްދީން ޚިލްޖީގެ ރޯލެވެ.
ދީޕިކާ އަދި ރަންވީރު ވަނީ މީގެ ކުރިން ވެސް ބަންސާލީގެ ދެ ފިލްމު ކަމަށްވާ 'ގޯލިއޯންކީ ރާސް ލީލާ ރާމް ލީލާ' އަދި 'ބާޖީރާއޯ މަސްތާނީ' ގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް މިއީ ޝާހިދު އާއި ބަންސާލީ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.