އިންޑިއާގެ ނިއު ދިއްލީގައި ހޯމަ ދުވަހު ފަށާ ތިން ވަނަ އިންޓަނޭޝަނަލް ފޯކް ޑޭންސް އެންޑް މިއުޒިކް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކޮށް ދިވެހި ސަގާފަތާއި އަޑުތައް އިއްވާލުމަށް ބިދަބިން ބޮޑުބެރު ގްރޫޕް އިންޑިއާއަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ.

އިންޑިއާއާ އެހެން ގައުމުތަކާ އޮންނަ ސަގާފީ ގުޅުން ބަދަހިކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އިން އިސްނަގައިގެން ބާއްވާ އެ ފެސްޓިވަލުގައި ބިދަބިން ބޮޑުބެރު ގްރޫޕުން ބައިވެރިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުންނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން ދިން ފުރުސަތެއްގެ ދަށުންނެވެ.

އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި ރާއްޖޭގެ އިތުރުން ފެސްޓިވަލް ބާއްވާ އިންޑިއާ، ފީޖީ، ކޮލަމްބިއާ، ކިރިގިސްތާން އަދި މޮރިޝަސްގެ ސަގާފީ ގުރޫޕުތަކުން ބައިވެރިވެއެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ ސަގާފީ ހަރަކާތެއްގެ ތެރެއިން ---

މިއީ 2010 ވަނަ އަހަރު އުފެދިގެން އައި ބިދަބިން ބޮޑުބެރު ގްރޫޕްން ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލްކުރުމަށް ލިބުނު ދެވަނަ ފުރުސަތެވެ. މިއަހަރުގެ ކުރީކޮޅު ވެސް ނިއު ދިއްލީގައި ބޭއްވި އާޓް އެންޑް ކްރާފްޓް ފެސްޓިވަލެއްގައި އެ ގްރޫޕުން ވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދީފައެވެ.

އިންޑިއާއަށް ކުރާ ދަތުރާ ގުޅޭ ގޮތުން ބިދަބިންގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ، ފެސްޓިވަލްގައި ބައިވެރިވުމަށް ބިދަބިންގެ 10 މެމްބަރުންގެ ޓީމެއް އިންޑިއާއަށް މިއަދު ފުރާއިރު، އެނބުރި ރާއްޖެ އަންނާނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ފެސްޓިވަލް ބާއްވާ ނިއު ދެއްލީގެ އިތުރުން މުމްބާއީ އަދި ޖައިޕޫރުގައި ވެސް ޝޯ ދިނުމަށް ހަމަޖެހިފައިވާއިރު ބޮޑުބެރުގެ ހަރަކާތްތަކުގެ އިތުރުން މާފަތި ލަވަ ފަދަ ސަގާފީ ހުނަރުތައް ދައްކާލާނެ ކަމަށް އޭނާ ބުންޏެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ ސަގާފީ ހަރަކާތެއްގެ ތެރެއިން ---

ޓީވީއެމުން ގެނެސްދިން ބޮޑުބެރު ޗެލެންޖުގެ 2014 ވަނަ އަހަރުގެ ދެވަނަ ހޯދި ބިދަބިން ބޮޑުބެރު ގްރޫޕަކީ ބޮޑުބެރު ޖެހުމުގެ އިތުރުން ދިވެހި ސަގާފީ ކުޅިވަރުތަކެއް ވެސް ކުޅެމުން އަންނަ ގްރޫޕެކެވެ.

އެގޮތުން ޒުވާން މެމްބަރުންތަކެއް މައްޗަށް އެކުލެވޭ އެ ގްރޫޕުން އަންނަނީ ދަނޑިޖެހުމާއި ކޯޑި ކެނޑުމާއި މާލި ނެރުމާއި ބޮޑު މަސް ދުއްވުން ފަދަ ކުޅިވަރުތައް ވެސް ރާއްޖޭގެ އެކި ރަށްރަށުގެ އިތުރުން ރިސޯޓްތަކުގައި ވެސް ކުޅެމުންނެވެ.