26 Nov 2016, 09:15
މީރުބަހުރު ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކޯޕަރޭޓިވް އިން ހެދި ކެފޭ ހުޅުވައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅުވައިގެން މާލޭ އުތުރު ބަނދަރުގެ އެތެރޭގައި ތަރައްގީ ކުރި "ނޯޓް ޕޯޓް ކެފޭ" ހުޅުއްވައި ދެއްވީ ރޭ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދެވެ.
އެއް ބުރިއަށް ހަދާފައިވާ އެ ކެފޭ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޖުނައިދު ވިދާޅުވީ، އެމްޕީއެލްގެ މަގުސަދަކީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ހުސް ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެތަންތަން ތަރައްގީކޮށް އާމްދަނީ ލިބޭނެ ކަންކަން އެތަނުގައި ކުރުމެވެ.
އެގޮތުން އެތަނުގައި ހެދި ކެފޭއަކީ ކުރިން ހުސްބިމެއްގެ ގޮތުގައި އޮތްނަމަވެސް މިއަދު މިލިއަނުން ފައިސާ ލިބޭނެ ފައިސާ ނެގޭނެ ވަސީލަތެއް ގާއިމްކުރެވިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖުނެއިދު ވިދާޅުވި ގޮތުގައި، ރޭ ހުޅުވި ކެފޭގެ ހުރިހާ ވަޒީފާއެއްގައި ވެސް ތިބޭނީ މުޅިން ވެސް ދިވެހިންނެވެ.
އެމްޕީއެލް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ވަނީ މީރުބަހުރު ބަނދަރުގައި އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ފިހާރައަކާއި ދަތުރުވެރިންނަށް ހާއްސަ ޒަމާނީ މާލަމެއްގެ އިތުރުން މިސްކިތަކާއި ފާހާނާ ބަރިއެއް ގާއިމްކޮށް ހުޅުވާފައެވެ.
މީގެ އިތުރުން މީރުބަހުރު ބަނދަރު ސަރަހައްދުގައި އެކޮމޮޑޭޝާން ބުލޮކްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް ޖުނެއިދު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.